10 ފެބުރުވަރީ 2026

މޫޑިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 އަށް ބަދަލުކޮށްފި

މޫޑިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 އަށް ބަދަލުކޮށްފިއެވެ.

މޫޑިސްއިން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އިތުރުވުންކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވުމަކީވެސް މޫޑިސްގެ ރޭޓިންގ ބަދަލުކުރި ސަަބަބެކެވެ.

މޫޑިސްގެ ރިޕޯޓްގައި މިކަންކަން ފާހަގަކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެ ފިޔަވަޅުތަކާއެކު ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަންވެސް މާލީ ހިސާބުތަކުން ދަނީ ފެންނަމުންނެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށް މަރުކަޒީ ބޭންކުންވެސް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަށް ބަދަލު އަންނަން ފަށާފައިވާއިރު، ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އެކުވެރި ދައުލަތަކާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ. މީގެ އިތުރުންވެސް ސަރުކާރުގެ ޚަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

މޫޑިސްއަކީ ޤައުމުތަކުގެ މާލީ ހާލަތާއި ދަރަނި ދެއްކުމުގެ ޤާބިލްކަން ހުންނަ މިންވަރާއި ގުޅޭގޮތުން ރިޕޯޓްތައް ނެރޭ އަމިއްލަ ބައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު