ވިދަމުން އަންނަ ޒުވާން ބަތަލާ ތްރިޕްތީ ދިމްރީ އާއި ހުނަރުވެރު އެކްޓަރު ރާޖް ކުމާރު ރާއޯ ގެ ކުރިއަށް އޮތް ފިލްމް "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.
އެކްތާ ކަޕޫރްގެ ބާލާޖީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގައެވެ.
މި ފިލްމަކީ މިދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމެވެ. މީގައި ދައްކުވައި ދޭނީ 90 ގެ އަހަރުތަކުގެ ހެއްވާ މަޖާ ހާދިސާތަކެކެވެ. މި ޖޯޑު ސްކްރީން ހިއްސާ ކުރަނީ މުޅިން އަލަށް ކަމުން މި ފިލްމް އަކީ ގިނަބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.
"ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގެ ކާސްޓްގައި މަލިކާ ޝަރާވަތާއި ވިޖޭ ރާޒާއި އަރްޗަނާ ޕުރާން ސިންގް އާއި މުކޭޝް ތިވާރީ އާއި ޓިކޫ ތަލްސާނިއާ އަދި ރާކޭޝް ބޭދީ ހިމެނެ އެވެ މީގެ އިތުރުން މި ފިލްމުގެ ވަރަށް ހާއްސަ ދެ ލަވަކުން ޝެހެނާޒް ގިލް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޑެލަރު މެހެދީ ވެސް ފެންނާނެ އެވެ.
ރާޖް ގެ އެންމެ ފަހުގެ ފިލްމް އަކީ މިހާރު ސިނަމާތަކުގައި އަޅުވައިފައި އޮތް ކާމިޔާބު ފިލްމް "ސްތްރީ2″ އެވެ. އެ ފިލްމް އަންނަނީ ރެކޯޑްތަށް މުގުރަމުންނެވެ. ތްރިޕްތީ އަށް ބެލުންތެރިންގެ ސަމާލުކަން ލިބުނީ އޭނާ "އެނިމަލް"ގައި ގުޅުނު ރޯލާއި އެކުގައިއެވެ. އެއާއި އެކުގައި ތްރިޕްރީ އަށް އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.