ދިރިއުޅުމުގައި އަންނަ ހާލަތުގެ ސަބަބުން ގޮތް ނިންމަން ނޭނގި ހުންނަންޖެހޭ އެތައް ހާލަތެއް ކުރިމަތިވެއެވެ. މިއީ ގުޅުން ކަނޑާލަންވީ ވަގުތުކަމެއް ނޫނީ އަލުން އައު ފެށުމަކުން ފަށައި، ކުރިއަށް ދާންވީ ވަގުތުކަމެއް ނޭނގި ހަދާނެ ގޮތް ހުސްވެއެވެ. މިއީ ތިޔާގެ ތެރެއިން ގިނަ ބަޔަކު މިހާރު ތަޖުރިބާ ކޮށްފައި އޮވެދާނެ ކަމެކެވެ.
އެހެން ނަމަވެސް ދިރިއުޅުމާއިގެން އިތުރަށް ކުރިއަށް ނުދެވޭނެ ހާލަތްތައް އަންނާނެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. އަދި ހަމައެފަދައިން އެކުގައި ކުރިއަށް ދިއުމަށް އިތުރު ފުރުސަތެއް ލިބެންޖެހޭނެ ހާލަތްވެސް އަންނާނެއެވެ. ގޮތް ނުނިމި ހަތަރު އަނގޮޅިއެއްގެ މެދުގައި ހުއްޓި ހުރުމުގެ ބަދަލުގައި މަންޒިލެއް ހޯދުން މުހިންމެވެ.
ސިނގިރޭޓު ބުއިން ހުއްޓާލާނަމޭ ބުނެ ދޮގު ހެދުން: ދޮގަކީ ދިރިއުޅުން ބިނާވެފައި އޮންނަ އިތުބާރު ގެއްލުވާލާ އެއްޗެކެވެ. އެހެން ނަމަވެސް ސިނގިރޭޓް ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރެވޭ ތަކެއްޗަކީ ވަރަށް ފަސޭހައިން އެޑިކްޓްވެ އެއާ ދުރަށް ދިއުމަށް މަސަކަތް ކުރިޔަސް ދުރުވާން އުނދަގޫ އެއްޗެކެވެ. މިހާލަތުގައި ބަލަންވާނީ އެމީހަކާ ގުޅުން ކަނޑާލުމަށްވުރެ ބޮޑަށް އެހީވެވޭތޯއެވެ.
ބޮޑެތި ކަންކަމުގައި ދޮގުހެދުން: ގުޅުމަށް އެތައް ދުވަހެއް ވާހިސާބުން ދިރިއުޅުމާ ގުޅިފައިވާ ކަމެއްގައި ބައިވެރިޔާ ދޮގުހަދާކަން ނޫނީ އޮޅުވާލާކަން އެނގުމުން އަވަހަށް ވާހަކަ ދައްކާށެވެ. އަދި އެކަމުން ތިމާއަށް އަސަރު ކުރި ގޮތާއި އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓުނު ވަރު ހާމަކޮށްދީ އެކަން އެހެން ތަކުރާރު ނުކުރަން ބުނަންވާނެއެވެ. ގިނަ ކަންކަމުގައި ތިމާ ސުވާލުކުރުމުން ހަދަނީ ދޮގުކަން އިހުސާސްވެ ނޫނީ ސާބިތުވާނަމަ އެއީ ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމުގެ އަލާމާތެކެވެ.
ބޭވަފާތެރިވުން: މިއީ ގިނަފަހަރަށް ގުޅުމުގައި އެންމެ ގިނައިން ސިއްކަ ޖަހާ އެއް މައްސަލައެވެ. އަސްލު މިހެން ދިމާވަނީ ބައިވެރިޔާ އެހެން މީހަކާ ގުޅުން ބާއްވާކަން ފަޅާއަރާވަގުތުއެވެ. ބޭވަފާ ތެރިކަމަކީ އެއްވެސް ގޮތަކަށް ތަހައްމަލު ކޮށްގެން ވާނެ ކަމެއް ނޫނެވެ.
އަމިއްލަ އެދުން އިސްވުން: ކޮންމެ ކަމެއްގައިވެސް ކޮންމެ ހާލަތެއްގައިވެސް ތިމާއާއި ތިމާގެ ކަންކަން އިސްކުރާނަމަ އަނެކާގެ އަގެއް ދިރިއުޅުމުގައި ނެތްފަދަ އިޙުސާސެއް ކުރެވޭނެއެވެ.
އެއް ފަރާތުން ލިބޭ ހުރިހާ ވަގުތަކާއި އެއްޗަކާއި ފައިސާއެއްވެސް އަނެކާ އާއި އޭނާގެ ދިރިއުޅުމުގެ އުފާތަކާ ގުޅިފައި ހުރި ކަންކަމަށް ހޭދަކުރަމުން ދާއިރު އަނެކާއަށް ލިބޭ ވަގުތުތައްވެސް އަމިއްލަ ހިތްހަމަޖެހުމާއި ތިމާގެ ރަޙުމަތްތެރިންނާއެކު ހޭދަކުރުމާއި ފައިސާއިން ބޮޑުބައެއްވެސް އާއިލާ އާއި ބައިވެރިޔާގެ އުފާތަކަށްވުރެ ތިމާގެ ހިތްހަމަޖެހުމަށް ހޭދަކުރާނަމަ މިއީ ހައްލުކުރަންޖެހޭ މައްސަލައެކެވެ.
އަދި އެއީ ގޯހެއްކަމަށް ބައިވެރިޔާއަށް ޤަބޫލުނުކުރެވޭނަމަ ނޫނީ ނުވިސްނޭނަމަ އެފަދަ ދިރިއުޅުމެއް އުޅުމަކީ އަޑު ގޮވާނެކަމަށް އެއް އަތް ތެޅުމެވެ.