އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން މި އަހަރުގެ ނޮވެމްބަރުގައި ގެެނެސްދިނުމަށް ތާވަލު ކޮށްފައިވާ "ދޭދަރު ރުއިން" މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދިނުމަށް ނިންމައިފިއެވެ.
މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.
މި ފިލްމުގެ ޓީޒާ ކޮޅެއްވެސް މިހާރު ދައްކައިލައިފައިވާ އިރުގައި މި ފިލްމް ގެ މައިގަނޑު ތަރިންނަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ(ޝަރަފް)ގެ އިތުރުން މައިހާ އާދަމް ޒާހިރު އެވެ. މީގެ އިތުރުން ނޭޕާލު އަންހެން ކުއްޖެއްކަމަށްވާ ޝުޝްމާ ވެސް މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެއެވެ.
އައި ފިލްމްސް އިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން ބިރުވެރި ފިލްމު "ކަންބަޅި" އެވެ. އެއީ އިލްޔާސް ވަހީދު (އިއްލެ) އާއި އެކްޓަރު އިފްނާޒް ފިރާގުގެ ޑައިރެކްޝަނެކެވެ. މީގެ އިތުރުން ކަޒްމިކް އިންޓަނޭޝަނަލް އިން ނެރުނު "ދަރަކަ" ސީރީޒަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކްރައިމް ތުރިލާއެކެވެ.