ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ.
މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޒަމީރުވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މިކަމަށް އެދިފައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ