އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ތުރާކުނު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ތުރާކުނު ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފެވެ.
މިއެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓަރ ބަންކަރިން ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައެވެ. އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓަރ ބަންކަރިންއަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ.
"މިހާރުވެސް ގްރީކްގެ ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވިއެވެ.