ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތުގައި ބޭނުންފުޅުވަނީ ވިޓޯލްއާ ގުޅިގެން ރާއްޖޭގައި ދަތުރުކުރާ ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ޚިދުމަތްދިނުމަށްކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އުތުރުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އިޤްތިސާދީގޮތުން ކުރިއަރާފައިވާ ޤައުމުތަކުން އެކަން ހާސިލް ކުރެވުނީ ވިޝަނަރީ ލީޑަރުންގެ ސަބަބުން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި އެންމެ ބޮޑު ވިޝަނަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެއްވުން ކަމަށެވެ. ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އެ މަސައްކަތްޕުޅުގެ ދަށުންކަމަށް ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ، ދާއިރާގައި ގިނަ އަހަރުތަކެއް ތަޖުރިބާހުރި ވިޓޯލް ކުންފުންޏާއެކު ހަ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވާއިރު ފުރަތަމަ ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިޔުލްކަމަށެވެ.
އަދި ވިޓޯލުން މި ޚިދުމަތް މާކެޓް ކުރަން ފެށުމުން ގިނަ ބަޔަކު ޚިދުމަތަށް އެދެމުންދާކަމަށާއި ނަމަވެސް ބޭނުންވަނީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ޚިދުމަތް ދިނުމަށްކަމަށް ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ، އޮފް ޝޯކޮށް ބަންކަރިންގެ ޚިދުމަތް ފެށުމަކީ ދާއިމީ ހައްލެއް ނޫންކަމަށާއި، މި ޚިދުމަތް ދިނުމަށް މުސްތަގުބަލުގައި ބިން ހިއްކައިގެން، ރަނގަޅު ފިޔުލް ފާމްތަކަކާއި ޕޯޓެއް ތަރައްގީކޮށް ޒަމާނީ ފެންވަރުގެ ވަސީލްތަތްތައް ގާއިމްކުރާނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން އަންނަ އަހަރު ޗައިނާއިން ދޭ ލޯނު އެހީގެ ދަށުން ކާބޯތަކެއްޗަށް ކުރާ ހޭދަ ކުރުމަށް އެގްރިކަލްޗަރ އިކޮނޮމިކް ޒޯނުގެ ނަމުގައި މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.