23 އެޕްރީލް 2025

ޢިބުރަތްތެރި ވާހަކަ: ފިރުޢައުނުގެ އަންހެން ދަރިފުޅުގެ ބޮލުގައި ފުނާއެޅުއްވި ކަމަނާ

އިބުނު އައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެއްވުނު ރޭ، ތިމަންކަލޭގެފާނަށް މީރުވަހެއް ދުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ޖިބްރީލެވެ. މި ރިވެތިވެގެންވާ މީރުވަހަކީ ކޮންވަހެއްތޯއެވެ؟
ޖިބްރީލު ޢަލައިހިއްސަލާމް ވިދާޅުވިއެވެ. އެއީ ފިރުޢައުނުގެ އަންހެންދަރިފުޅުގެ ބޮލުގައި ފުނާ އެޅުއްވި ކަމަނާގެ މީރުވަހެވެ.
ތިމަންކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. އެކަމަނާގެ ޚަބަރަކީ (ނުވަތަ ކުރެއްވި ކަމަކީ) ކޮބައިހެއްޔެވެ؟
ޖިބްރީލު (ޢަލައިހިއްސަލާމް) ވިދާޅުވިއެވެ: އެކަމަނާ ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާއަޅުއްވަނިކޮށް، އެކަމަނާގެ އަތުން ފުނާވެއްޓުމުން އެކަމަނާ ވިދާޅުވިއެވެ: بسم الله: ﷲގެ އިސްމުފުޅުންނެވެ.
ދެން ފިރުޢައުނުގެ އަންހެން ދަރި ބުންޏެވެ. (ތިޔަބުނީ) ތިމަންނާގެ ބައްޕަގެ ވާހަކަ ހެއްޔެވެ؟
އެކަމަނާ ވިދާޅުވިއެވެ: "ނޫނެކެވެ. ނަމަވެސް އަހަރެންނާއި އަދި ތިބާގެވެސް ވެރިރައްބެވެ. އަދި ތިބާގެ ބައްޕަގެވެސް ވެރިރައްބެވެ. އެއީ ﷲއެވެ."
ފިރުޢައުނުގެ އަންހެން ދަރިބުންޏެވެ: އަހަރެންގެ ބައްޕަނޫން ރައްބެއް ތިބާއަށް ވޭހެއްޔެވެ؟
އެކަމަނާ ދެންނެވިއެވެ: އާނއެކެވެ.
ފިރުއައުނުގެ އަންހެންދަރި ބުންޏެވެ.: ތިވާހަކަ އަހަރެންގެ ބައްޕައަށް އަންގަން ހެއްޔެވެ؟
އެކަމަނާ ދެންނެވިއެވެ: އާނއެކެވެ.
ދެން ފިރުޢައުނުގެ އަންހެންދަރި މިވާހަކަ އަންގައިފިއެވެ. ދެން އެކަމަނާ ފިރުޢައުނުގެ ކައިރިއަށް ގެންގޮސްފިއެވެ.
ފިރުޢައުނު ބުންޏެވެ: އޭ ކަމަނާއެވެ. އަހަރެން ނޫން ރައްބެއް ކަލެއަށް ވޭ ހެއްޔެވެ؟
އެކަމަނާ ދެންނެވިއެވެ: އާނއެކެވެ. އަހަރެންނާއި އަދި ތިބާގެ ވެރިރައްބެވެ. ﷲއެވެ.
ދެން ފިރުޢައުނު ލޮއިންވާ ގެރިއެއް ގެނައުމަށް އަމުރު ކޮށްފިއެވެ. ދެން އެ (އަލިފާނަށް ބަދަލުވަންދެން) އެދޮންކޮށްފިއެވެ. ދެން އެކަމަނާގެ ކުދި ދަރިންތައް ފަހަރަކު ކުއްޖަކުން ކުއްޖަކުން އެޔަށް އުކަން ފަށައިފިއެވެ.
ދެން އެކަމަނާ ފިރުޢައުނަށް ދެންނެވިއެވެ.: ތިމަންކަމަނާއަށް ކަމެއް ބޭނުންވެފައިވެއެވެ.
ފިރުޢައުނު ބުންޏެވެ: އެކަމަކީ ކޮބައިހެއްޔެވެ؟
ދެން އެކަމަނާ ދެންނެވިއެވެ: ތިމަންކަމަނާއާ އަދި ތިމަންކަމަނާގެ ދަރިންގެ ކަށިތައް ޖަމާކޮށްފައި އެއްފޮތިގަނޑުގައި ވަޅުލެވުމަށް ތިމަންކަމަނާ ލޯބިކުރައްވަމެވެ.
ފިރުޢައުނު ބުންޏެވެ: ތިކަން އަހަރެމެން ތިބާއަށް ކޮށްދޭނަމެވެ.
ދެން އެކަމަނާގެ ހުރިހާ ކުދިން ހުސްވަންދެން އެގެރީގެ ތެރެއަށް އުކައިފިއެވެ. އެންމެ ފަހު ކިރުބޯ ދަރިފުޅާ ޖެހެންދެންނެވެ. އެއްކުޑަދަރިފުޅުގެ ސަބަބުން އެކަމަނާ ފަހަތަށް ޖެހުނު ފަދައެވެ. ދެން އެކުޑަކުއްޖާ ބުންޏެވެ: މަންމާއެވެ. އެޔަށް ފުންމާލާށެވެ. ފަހެ ދުނިޔޭގެ ޢަޒާބު އާޚިރަތުގެ އަޒާބަށްވުރެ ކުޑަވެގެންވެއެވެ."
(ޙަދީޘްގެ މާނަ، ޙަދީޘްގެ މަޞްދަރު: މުސްނަދު އަޙުމަދު (3/309) އަދި ތަބަރާނީ އަދި ޞަޙީޙް އިބްނު ޙައްބާން)

ވާހަކައިން ލިބޭ ޢިބުރަތްތައް:

ހ. އެންމެ ބޮޑު އިމްތިހާން އަންނާނީ ޝިރުކުން ބަރީޢަވެ ﷲ އެއްކައުވަންތަ ކުރުމާއި އަދި އެކަމަށް ދައުވަތު ދިނުމުން ކަން. އެހެނީ އެކަމަނާ އިލާހެއްކަމަށް ދައުވާ ކުރި ފަރާތެއްގެ ކުރިމަތީގައި ހަމައެކަނި އަޅުކަންކުރެވޭ އިލާހުކަން ހައްޤުވާ ފަރާތަކީ ﷲ ކަން ބަޔާންކުރައްވައި ސާބިތުވެލެއްވިއެވެ. އަދި އެކަމަނާގެ ވެރިރައްބަކީ ކޮބައިކަން ބަޔާންކޮށް ތައުޙީދުގައި ސާބިތުވުމުގެ ސަބަބުން އެކަމަނާއަށް ދުނިޔަމަތީގައި ލިބިގެން ދިޔައީ ވަރަށްވެސް ބޮޑުވެގެންވާ އިމްތިޙާނެކެވެ.
ށ. އެމީހެއްގެ ދީނުގެ މައްޗަށް ކެތްތެރިވެއްޖެމީހާއަށް ލިބިގެންވާ ސަވާބުގެ ބޮޑުކަން އެނގިގެންދެއެވެ. އަދި މަލާމާތްކުރާ މީހުންގެ މަލާމާތަކަށް ނުބެލުމުން ލިބޭ މަތިވެރި ސަވާބު އެނގިގެންދެއެވެ.
ނ. އަނިޔާވެރިންނާއި އިލާހުންކަމަށް ދައުވާ ކުރާ ފަރާތްތަކާއި މިފަދަ ނުބައި ފަރާތްތަކުން މުސްލިމުންނަށް ފައިދާހުރިކަމެއް ނަމަ އެދުން ހުއްދަވާނެކަން އެނގިގެންދެއެވެ.
ރ. ޞާލިޙުންނަށް އެމީހުންގެ ޞާލިޙު ޢަމަލުތަކުގެ ސަބަބުން ކަރާމާތްތައް ދެއްވެވޭކަން އެނގިގެންދެއެވެ. އެހެނީ އެކަމަނާގެ ކިރުބޯ ދަރިފުޅު ވާހަކަދެއްކިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު