16 ޖަނަވަރީ 2025

ޚުތުބާ ކިޔަމުން ދިޔައިރުވެސް އިނީ ފޯނު ހިފައިގެން ގޭމް ކުޅެން؛ މި ފުސްކަން ފޮހެލަންޖެހޭ!

އޭނާ ގަވާއިދުން ހުކުރަށް ދެއެވެ. ހުކުރު ޚުޠުބާ ކިޔަން ފެށުމުގެ މާކުރިންވެސް އޭނާ ހުކުރަށް ދާ ކަން ފާހަގަކުރެވެއެވެ. އެއީ ގްރޭޑް އަށެއް ނުވަތަ ނުވައެއްގައި ކިޔަވާ ކުއްޖެއް ކަމަށް ބެލެވެއެވެ. ވަރަށް މަޑުމައިތިކަމާއެކު ކޮންމެ ދުވަހަކުވެސް އޭނާ ފޯނު ހިފައިގެން އިނދެއެވެ. އިންނަނީ ފޯނަށް ބަލަހައްޓައިގެންނެވެ. މީގެ ކުރިން ހީކުރީ އޭނާ ޤުރުއާން ކިޔަވަނީ ކަމަށެވެ. ނަމަވެސް މިއަދު އޭނާ އިނީ އަހަރެންނާ ޖެހިގެންނެވެ. މިއަދު ޔަޤީން ކުރެވެނީ އޭނާ ޤުރުއާން ކިޔެވުމުގެ ބަދަލުގައި ފޯނުން ގޭމް ކުޅެން އިން ކަމެވެ. ޚުޠުބާ ކިޔާން ފެށުމުންވެސް ހުއްޓައެއް ނުލައެވެ. ކަޅި އެއްލާ ކޮންމެ ފަހަރަކުވެސް އޭނާ ވަރަށް މަޑުމައިތިރި ކަމާއެކު ފޯނާ ކުޅެން އިންކަން ފާހަގަކުރެވުނެވެ. ޚުޠުބާ ނިމުނު އިރުވެސް ގޭމް ކުޅުމުގައި އޭނާ އިނީ އަވަދި ނެތިއެވެ.

މިހާ ހިސާބުން ހަނދާނަށް އަންނަނީ މީގެ ކުރީގެ ދުވަހެއްގައި ހުކުރު ޚުޠުބާގައި ވިދާޅުވި މުހިއްމު ބަސްކޮޅެކެވެ. ޚުޠުބާގައި ނަސޭޙަތްތެރިވީ ޚުޠުބާ ކިޔަމުންދާ ވަގުތު ޚުޠުބާ އަޑު އެހުމަށް ސަމާލުކަން ދިނުމަށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (مَنْ مَسَّ الْحَصَى فَقَدْ لَغَا) (ރިވާކުރެއްވީ މުސްލިމް 857)
"(ޚުޠުބާ ކިޔަމުންދާ ވަގުތު) އޮށްގަލާ ކުޅޭ މީހާ ހަމަކަށަވަރުން (ހުއްދަ ނޫން) ބާޠިލު ކަމެއް ކޮށްފިއެވެ."

އެ ޒަމާނުގައި ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތުގައި ކުނަލެއް ދޫލައެއް އަޅައިފައެއް ނުވެއެވެ. މިސްކިތުގައި ހުންނަނީ ވެއްޔެވެ. ވީމާ, ޚުޠުބާ އަޑުއަހަން އިންނަ އިނުމުގައި ގާކޮޅުކޮޅާ ކުޅުންފަދަ ކަމެއް ކުރުމަކީ, ޚުޠުބާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެ ކަމަށްވާތީ އެއީ ބާޠިލު ކަމެއް ކަމުގައި ލައްވާފައި ވަނީއެވެ.

ނަމަވެސް މި ޒަމާނުގެ ޙާލަތު ތަފާތެވެ. މި ޒަމާނުގައި ޚުޠުބާ ދެމުންދާ ވަގުތު އެކަކު އަނެކަކާ ވާހަކަދެއްކުމާއި ފޯނާ ކުޅުމާއި ފޯނުން ގޭމް ކުޅުންފަދަ މަންޒަރުތައް ފެންނަނީ މަދެއްކޮށް ނޫނެވެ.

މިއަދުވެސް ފެނިގެން ދިޔައީ މިފަދަ ހިތާމަވެރި ކަމެކެވެ. މި ޖީލަކީ ވެސް އިސްލާޙް ކުރެވޭނެ ޖީލެކެވެ. ޤައުމުގެ މުސްތަޤްބަލަށްޓަކައި މި ޖީލުގެ މުހިއްމުކަން ބޮޑެވެ. ފޯނަކީ ޒަމާނީ ކަށީގެ ބައެކެވެ. ޒަމާނީ ކަށި ހިނގުމުގައި ފޯނުގެ ބޭނުން ކުރާންޖެހޭނެއެވެ. ނަމަވެސް އެކަމުގައިވެސް ވަކި ހުދޫދެއް އޮންނާންވާނެއެވެ. ކޮންމެ ކޮންމެ ވަގުތެއްގައި ފޯނާ ކުޅެ ހެދުމަކީ ދީނީ އަޅުކަންތަކާއި ދިރިއުޅުމުގެ އެހެން ކަންކަމަށް ހިޔަނި އެޅޭނެ ކަމެކެވެ. ދިރިއުޅުމުގައި ފުސް ޖަހާނެ ކަމެކެވެ. ވީމާ، މިފަދަ ކަންކަމުން ދުރުހެލިވެ ފުސްކަން ފޮހެލާންޖެހެއެވެ. ދީނުގެ އަޅުކަންތަކުން ޙަަޤީޤީ ފައިދާ ލިބިގަތުމަށްޓަކައެވެ. ސަވާބާއި ދަރުމަ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު