މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"އެންމެ މަންފާހުރި މީހާ" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުުރު ޚުޠުބާގައި ވިދާޅުވީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާ ކަމުގައެވެ.
"ﷲގެ ޙަޟްރަތުގައި ލޮބުވެތި އަޅަކަށް ވާން ނޭދޭނީ ފަހެ ކާކުހެއްޔެވެ؟ ރަސޫލާ އާ ސުވާލުކުރެއްވުނެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ، ކޮބައިތޯއެވެ؟ ޖަވާބުގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ. (أَنْفَعُهُمْ لِلنَّاسِ، وَإِنَّ أَحَبَّ الْأَعْمَالِ إِلَى اللهِ سُرُوْرٌ تُدْخِلُهُ عَلَى مُؤْمِنٍ: تَكْشِفُ عَنْهُ كُرْبَةً، أَوْ تَقْضِي عَنْهُ دَيْنًا، أَوْ تَطْرُدُ عَنْهُ جُوْعًا. وَلَأَنْ أَمْشِيَ مَعَ أَخِي الْـمُسْلِمِ فِيْ حَاجَةٍ أَحَبُّ إِلَيَّ مِنْ أَنْ أَعْتَكِفَ شَهْرَيْنِ فِيْ مَسْجِدٍ.)[1] މާނައީ: (ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ) "މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާއެވެ. އަދި ﷲ عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ: އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުމެވެ. މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެއެވެ." ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވާށެވެ! އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެއެވެ. އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެއެވެ." ޚުޠުބާގައި މި ބަސްފުޅު ގެންނަވާފައިވެއެވެ.
"އިސްވެދިޔަ ޙަދީޘްފުޅުގައި، އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެމީހުން ހިތުގައިނުޖެއްސުމެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމެވެ. މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ކަން ފާހަގަކުރައްވައި، ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން ނަޖާކޮށްދިނުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ޚުޠުބާގައި ވިދާޅުވީ، މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެއް ކަމަށާއި، އެއީ މާތްﷲ ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނަ ކަމެކެވެ. މާތް ﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލުބޭކަލުންނަކީ، އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި، ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެއް ކަމުގައެވެ.
"އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނު މިސްކީނުންނަށާއި، ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށް ޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވައިފައި ވެއެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ރަސޫލުﷲ ގެ ޙަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުން ކަމަށާއި، ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުން ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
"ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުމެވެ. ނުވަތަ ދަރަނި އެއްކޮށް މާފުކުރުމެވެ. މި ކަމުގެ ސަވާބުގެ މަތިވެރިކަމާ މެދު ލޮބުވެތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تَـحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ)[3] މާނައީ: "ދަރަނި އަދާކުރަން ޖެހޭ މުއްދަތުގައި ދަރަނި އަދާނުކުރެވުނު، އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނީން މިންވަރެއް އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ﷲ އެ ކަލާނގެ ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެތެވެ." ކީރިތި ރަސޫލާ އެ ކަމަށް ހިތްވަރުދެއްވައި އެ ކަމުގެ ސަވާބާއި ދަރުމައިގެ މަތިވެރިކަން ބަޔާންކޮށްދެއްވަމުން ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދަރަނި އަދާކުރުން ލަސްކޮށްދިން މީހާއަށް އެއީ ކޮންމެ ދުވަހަކު އެ މިންވަރުން ކުރެވޭ ޞަދަޤާތެކެވެ. އަދި ދަރަނި އަދާކުރުމުގެ އެ މުއްދަތު ހަމަވުމުން، އިތުރަށް ލަސްކޮށްދިނުމަކީ، އެ މިންވަރުން ކުރެވޭ ދެ ޞަދަޤާތެވެ."[4] ކިހައި ބޮޑު ސަވާބެއް ހެއްޔެވެ؟ ކިހައި ބޮޑު ދަރުމައެއް ހެއްޔެވެ؟"
މާތް ﷲގެ ޙަޟްރަތަށް ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށާއި، ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބަޔެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިގެން، އެ ގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ކިޔަމުއެވެ. ލައިގެންކާނެ އެއްޗެއް ނެތް ގޭގޭގެ މީހުން ބޯތަށި ހިފައިގެން އަވަށްޓެރިޔާގެ ގެއަށް ދިޔުމުން އެ ބޯތަށްޓަށް، ލައިގެން ކާނޭ ތަކެތި އަޅައިދޭ ވާހަކަ އަހަރެމެން އަޑު އަހަމުއެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا آمَنَ بِيْ مَنْ بَاتَ شَبْعَانَ وَجَارُهُ إلَى جَنْبِهِ جَائِعٌ وَهُوَ يَعْلَمُ)[5] މާނައީ: "އޭނާގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީގައި ވާކަން އެނގޭ އިރު، އޭނާ ބަނޑު ފުރައިގެން ހުންނަ މީހާއީ، ތިމަންކަލޭގެފާނަށް ފުރިހަމައަށް އީމާންވާ މީހެއް ނޫނެވެ."
އަދި ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުން ކަމަށާއި، އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.