16 ޖަނަވަރީ 2025
ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ސަރުކާރުން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް: ވިޓޯލް، ފޮޓޯ: ސޯޝަލް މީޑިޔާ

ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ސަރުކާރުން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް: ވިޓޯލް

ބަންކަރިން ދާއިރާއަށް ނުކުތުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވިޓޯލް ކުންފުނިން ބުނެފިއެވެ.

ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ވިޓޯލްގެ ފަރާތުން ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވީ އެސްޓީއޯއާއެކު ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ފައިދާހުރި މަޝްރޫއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ގިނަ ފައިދާތަކެއް ލިބުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކުރައްވައި ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވީ އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ.

އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން އިއްޔެ ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރެވެ. މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފަިއިވާ ދެ ބޯޓެވެ.

އެސްޓީއޯއިން އިސްވެ، ރާއްޖެއަށް އާ ސިނާއަތެއް ތައާރަފްކުރުމުގެ ތާރީހީ މަސައްކަތް ހަގީގަތަކަށްވީއިރު މިއީ ކުންފުނީގެ ތަޖުރިބާވެސް ހުރިދާއިރާއެއްކަން ފާހަގަކުރަމެވެ. މި ކުންފުންޏަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށްވާއިރު އެ ވިޔަފާރީގެ ތެރެއިން 2009 އިން ފެށިގެން ޓޭންކަރ ހޭންޑްލިން މަސައްކަތް މި ކުންފުނިން އަންނަނީ ކުރަމުންނެވެ. އެކަމަށް ގާބިލް ތަޖުރިބާ ލިބިފައިވާ ދިވެހި މުވައްޒަފުންގެ ޓީމެއް އެ ކުންފުނީގައި މަސައްކަތްކުރެއެވެ.

އެސްޓީއޯއާއެކު މި ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އަންނަ މަހު ސިންގަޕޫރުގައި ބާއްވާ ދުނިޔޭގެ ބަންކަރިންގެ ދާއިރާގެ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމުގައިވާ ސިބްކޮންގައި ރާއްޖެ ބަންކަރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވިޓޯލުން ފާހަގަކުރެއެވެ. މި ހަރަކާތަކީ މުހިންމު ހަރަކާތެއް ކަމަށާއި މީގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ވިޓޯލުން ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެސްޓީއޯއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން، ދުނިޔޭގެ ބަންކަރިންގެ ދާއިރާގައި ރާއްޖެ އިޝްތިހާރު ކުރުމަކީވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު