16 ޖަނަވަރީ 2025
އދ.ގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ތަރައްޤީ ގެނެވެން އޮތީ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން: ރައީސް

ރާއްޖެއަށް ތަރައްޤީ ގެނެވެން އޮތީ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން ކަމަށާއި އެމަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ.ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެން މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލްކަމަށް ގެނައުންކަމަށެވެ.

އދ.ގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭ ކަންކަމުގެ އިތުރުން، ބޭރުގެ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުުގައި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ.ގެ ސަލާމަތީ މަޖީލީހުގެ ޑިބޭޓެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުންވެސް ކަމާގުޅުންހުރި ބައްދަލުވުންތަކުގައި މަޢުލޫމާތު ޙިއްސާކުރަައްވާނެކަމަށެވެ. ރައީސްގެ މިދަތުރުފުޅުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާ، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯއްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެއަށް ތަރައްޤީ ގެނެވެން އޮތީ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން. ރާއްޖޭގެ ޙާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދޭނަން. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުންވެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރާއްޖެއިން މުހިންމު 14 ބައްދަލުވުމެއްގައި ބައިވެރިވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިއްވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު