16 ޖަނަވަރީ 2025

މާރާމާރީ ހިންގުމަށްފަހު އަހަރެއް ވަންދެން ފިލައިގެން އުޅުނު ބަޔަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

މާރާމާރީ ހިންގުމަށްފަހު އަހަރެއް ވަންދެން ފިލައިގެން އުޅުނު ބަޔަކު ރާއްޖެ އައުމުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރީ 3 ދިވެހިން ކަމަށެވެ.

އެއީ މ. މަސްކޮތަން އުމުރުން 19 އަހަރުގެ މުޙައްމަދު ސިބްޠް ޢަބްދުﷲ އާއި ހ. ދޮންތުނޑި އުމުރުން 26 އަހަރުގެ މުޙައްމަދު އަޙްސަމް އަދި ލ. ގަން/ މުކުރިމަގު އުމުރުން 28 އަހަރުގެ އަސްވާނު މުޙައްމަދުއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ތިން މީހުން ވަނީ މާރާމާރީ ހިންގުމަށްފަހު ރާއްޖޭން ބޭރަށް ފިލައިގެން ގޮސްފައެވެ.

އަދި އެ މީހުން އަތުލައިގެންފައިވަނީ ތައިލެންޑުން ޑިޕޯޓުކޮށްލުމާ ގުޅިގެން މި މަހުގެ 18 އަދި 19 ވަނަ ދުވަހު ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަސްވާން މުޙައްމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށާއި މުޙައްމަދު ސިބްޠް ޢަބްދުﷲ އަދި މުޙައްމަދު އަޙްސަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު