18 ޖަނަވަރީ 2025

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުތެރޭގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށްވެސް ފައިދާވާނެ މަސައްކަތެއް ކަމަށެވެ.

އެމަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ޕްލޭނުގެ ދަށުން އަލަށް އަޅާ އިމާރާތާއެކު އީއާރުގެ ޚިދުމަތްވެސް މިހާރަށްވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫގައި ސިއްޙީ ދާއިރާ ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރެއް ތަރައްގީ ކުރެވިގެންދާނެކަމަށްވެސް ސިއްޙަތާބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަންނަ އަހަރު ތެރޭގައި އެ ޚިދުމަތްވެސް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކުވެސް ހުޅުއްވައިދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު