ދީނީ ކަމަށް އެބަޔަކަށް އެންމެ ގިނައިން އިޝާރާތް ކުރެވޭ މީހުން…

ދީނީ ކަމަށް އެބަޔަކަށް އެންމެ ގިނައިން އިޝާރަތު ކުރެވޭ މީހުންނީ، މީސްތަކުން ކުރެ ދީނީކަން އެންމެ މަދު މީހުން ކަމުގައިވެސް ވެދާނެތެވެ!

އިބްނު އަލް-ޤައްޔިމް (751ހ.) ވިދާޅުވިއެވެ:

«އަދި ﷲ، އެކަލާނގެ ރަސޫލު ﷺ ފޮނުއްވި މިދީނާއި، އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން އެކަމެއްގެ މަތީގައިވީ ކަމުގެ އެއްވެސް ޚިބްރަތެއް (ޢިލްމެއް ތަޖްރިބަތެއް) ހުރި މީހަކަށް، ދީނީ ކަމަށް އެބަޔަކަށް އެންމެ ގިނައިން އިޝާރަތު ކުރެވޭ މީހުންނީ، މީސްތަކުން ކުރެ ދީނީކަން އެންމެ މަދު މީހުންކަން އެމީހަކަށް ފެނި އެނގޭނެކަން ކަށަވަރެވެ. އަދި އެހީތެރިކަންދެއްވާ ފަރާތަކީ ނުވަތަ ވާގިވެރިޔާއަކީ ހަމައެކަނި ﷲ އެވެ.

ﷲ ތަޢާލާ ޙަރާމްކުރެއްވި މަޙާރިމްތަކަށް އަރައިގަނެ، އަދި އެކަލާނގެ ޙައްދުތައް ނަގައިލާ، އަދި އެކަލާނގެ ދީނުގެ ކަންތައް ދޫކޮށްލާ، އަދި ﷲ ގެ ރަސޫލު ﷺ ގެ ސުންނަތުން އެއްކިބާވާތަން ފެންނައިރުވެސް، އެމީހެއްގެ ހިތް ފިނިކޮށްލައިގެން (ހިތްތިރިކޮށް ރުޅިއައުމެއްނެތި)، ދޫ ސުކޫތުކޮށްލައިގެން ހަނުހުންނަ މީހާގެވަނީ، ކޮން ދީނެއް އަދި ކޮން ހެވެއް ހެއްޔެވެ؟!

އޭނާއީ މަންމަނު ޝައިޠާނެކެވެ! އެއީ ހަމަ ބާޠިލު ވާހަކަދައްކާ މީހާއީ ބަސްމޮށޭ ޝައިޠާނެއް ފަދައިންނެވެ.

އެއުރެންގެ ކާބޯތަކެއްޗާއި އެއުރެންގެ ރިޔާސަތުތައް ވެރިކަންތައް އެއުރެންނަށް ސަލާމަތުވެއްޖެނަމަ، ދެންފަހެ ދީނުގެ މައްޗަށް ކޮންމެފަދަކަމެއް ކުރިމަތިވިޔަސް ފަހެ އަޅާލުމެއްނެތި ތިބޭ މިތިބަ މީހުންގެ ކިބައިން މެނުވީ ދީނަށް ބަލާއުވެރިކަން ޖެހޭ ހެއްޔެވެ؟!

އެއުރެން ކުރެ (ކިރިޔާވެސް) ހެޔޮވެގެންވާމީހަކީ، ހިތާމަކުރާ، (ރަހަ އިޙްސާސްކުރާ) ޝަކްވާކުރާމީހާއެވެ. އަދި އޭނާވެސް އޭނާގެ ޖާހަށް ނުވަތަ އޭނާގެ މުދަލަށް އުނިކަމެއްލިބި އޭނާގެ މައްޗަށް ގެއްލުމެއްވާކަމެއް އޭނާއާ އިދިކޮޅަށް އައިސްފިނަމަ، ހުރިވަރެއްލާފައި އަދި ގަދައަޅައި އަދި ހެސްކިޔާފައި އަދި ހަބޭހަށް މަސައްކަތްކުރެތެވެ! (އަދި ކޮބައި ހެއްޔެވެ؟) އޭނާއަށް ތަނަވަސްވީވަރަކުން، އިންކާރުކުރުމުގެ ތިން މަރްތަބަތުވެސް އޭނާ ބޭނުންކުރެތެވެ!

އަދި މިބައިމީހުން — ﷲ ގެ ޙަޟްރަތުގައި އެއުރެންގެ އަގުވެއްޓި އަދި ﷲ ގެ ކޯފާ އެއުރެންނަށް ލެއްވިގެންވުމާއި އެކުގައި — އެއުރެންނަށް ވަނީ ދުންޔޭގައި ކުރިމަތިވާނޭ އެންމެ ބޮޑު އަޢްޡަމު ބަލާއުވެރިކަން އެއުރެންނަށް ޖެހިގެންނެވެ. އެއީ އެބައިމީހުންނަށް އެކަން އިޙްސާސްވެސް ނުވާޙާލުގައެވެ! އަދި އެއީ ހިތްތައް މަރުވުމެވެ. ފަހެ އެހެނީ ހަމަކަށަވަރުން ހިތް، އެހިތުގައިވާ ދިރުން ފުރިހަމަވެގެންވާ ވަރަކަށް، ﷲ އަށްޓަކައި އަދި އެކަލާނގެ ރަސޫލާއަށްޓަކައި އަންނަ ރުޅި އެހިތުގައި މާގަދަވެފައި، އަދި އެހިތުން ދީނަށްދޭ ނަޞްރު މާފުރިހަމަވެގެންވާނެތެވެ.

އަދި ގައިމު އިމާމް އަޙްމަދުއާއި އަދި އެބޭފުޅާ ނޫން ބޭފުޅުންވެސް އަޘަރެއް ޛިކްރު ކުރައްވަތެވެ:

”ހަމަކަށަވަރުން، މަލާއިކަތުން ކުރެ މަލަކަކަށް ﷲ ސުބްޙާނަހޫ ވަޙްޔު ކުރެއްވިއެވެ. މިވެނި އެވެނި ރަށެއް ބިމަށް ގަންބައިލުމަށެވެ!

ފަހެ އެމަލަކަކު ވިދާޅުވެއެވެ: "އޭ އަހުރެންގެ ރައްބެވެ. އެބައިމީހުންގެ ތެރޭގައި މިވެނި އަޅުވެރިޔަކު ހުއްޓާ ކިހިނަކުން ހެއްޔެވެ؟"

ފަހެ އެކަލާނގެ ވަޙްޔު ކުރެއްވިއެވެ: "އޭނާއިން ފަހެ ތިބާ ފަށާހުށިކަމެވެ! ފަހެ ހަމަކަށަވަރުން، ދުވަހަކުވެސް ތިމަންއިލާހުގެ ޙައްޤުގައި (ރުޅިއައިސް ހިތްހަމަނުޖެހިގެން) އޭނާގެ މޫނުގެ (ކުލަވަރުވެސް) ބަދަލުކޮށްނުލަތެވެ."“

އަދި އައް-ތަމްހީދު ފޮތުގައި އަބޫ ޢުމަރު [އިބްނު ޢަބްދިލް-ބައްރު] ޛިކްރު ކުރެއްވިއެވެ:

”ހަމަކަށަވަރުން ﷲ، އެކަލާނގެ ނަބިއްޔުން ކުރެ ނަބިއްޔުއަކަށް ވަޙްޔު ކުރެއްވިއެވެ. މިވެނި ޒުހްދުވެރިޔަކު ކައިރީގައި ވިދާޅުވުމަށެވެ: "ދުންޔެއަށް ތިބާގެ ޒުހްދުވެރިވުމާ މެދުގައި ދަންނައެވެ. ފަހެ އެކަމުގެ ސަބަބުން ރާޙަތު އަވަހަށް ތިބާ ލިބިގަނެއްޖައީމުހެވެ.
އަދި ތިބާގެ ކަންތައް ކަނޑައިލާފައި ތިމަންއިލާހަށް ތިބާ ހުސްވެގަތުމާ މެދުގައި ދަންނައެވެ. ފަހެ އެކަމުގެ ސަބަބުން ތިބާ ޢިއްޒަތު ހޯދައިގަނެއްޖައީމުހެވެ.
އަދި އެހެނެއްކަމަކު، ތިމަންއިލާހަށްޓަކައި ތިބާގެ މައްޗަށްވާ ޙައްޤާއި މެދުގައި ތިބާ ޢަމަލުކުރީ ކިހިނަކުން ހެއްޔެވެ؟"

ފަހެ އޭނާ ބުންޏެވެ: "އޭ އަޅުގެ ރައްބެވެ! އިބައިލާހަށްޓަކައި އަޅުގެ މައްޗަށް ވަނީ ކޮންކަމެއްތޯއެވެ؟"

އެކަލާނގެ ވަޙީކުރެއްވިއެވެ: "ތިމަންއިލާހަށްޓަކައި މިތުރަކާ ތިބާ ވަލާއުވެރިވެ ވާގިވެރިވީމު ހެއްޔެވެ؟ ނުވަތަ ތިމަންއިލާހަށްޓަކައި ޢަދުއްވަކާ ތިބާ ޢަދާވަތުތެރިވެ ދެކޮޅުވެރިވީމު ހެއްޔެވެ؟!"“»

[إعلام الموقعين عن رب العالمين لابن القيم: ٢/‏١٢١]


މިއީ، ޓެލެގްރާމް ޗެނަލް "ފައިދާ" އަށް ޕޯސްޓްކޮށްފައިވާ ލިއުމެކެވެ. މިލިއުމުގެ އަސްލު، ޓެލެގްރާމް ޗެނެލް "ފައިދާ" އިން ބަލައިލެވޭނެއެވެ. މި ލިއުން ޝާއިޢުކޮށްފައި މިވަނީ އެފަރާތުގެ އިޒުނައާއެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު