ޢިޝާ ނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދަށް ފަހު ބޭކާރު ކަންކަމުގައި ވަޤުތުތައް ހޭދަކުރުން.
"އަދި އޭގެ ކުރިން ނިދުން މަކުރޫހަވެގެން ވެއެވެ. އެބަހީ ޢިޝާ ނަމާދުގެ ކުރިންނެވެ. އެއީ އޭނާ ހޭލައްވާނެ މީހަކު ހުރި ކަމުގައި ވިޔަސް މެއެވެ. އަދި އޭގެ ފަހުން ވާހަކަ ދައްކަން ތިބުން މަކުރޫހަވެގެން ވެއެވެ. އެބަހީ ޢިޝާ ނަމާދުގެ ފަހުންނެވެ. އެއީ އަބޫ ބަރްޒާ އަލްއަސްލަމީ [رضي الله عنه]ގެ ޙަދީޘުގެ މައްޗަށް ބިނާކޮށެވެ." [شرح منتهى الإرادات للبهوتي 143/1]
އަބޫ ބަރްޒާ [رضي الله عنه]ގެ ކިބައިން ރިވާވެގެން ވެއެވެ: "ޢިޝާ ނަމާދުގެ ކުރިން ނިދުމާއި އަދި ޢިޝާ ނަމާދަށް ފަހު ވާހަކަ ދައްކަން ތިބުމަކީ ނަބިއްޔާ ﷺ ނުރުހުންތެރި ވެވަޑައިގެންނެވި ކަމެއް ކަމުގައި ވިއެވެ." [سنن الترمذي 168]
“މި ބާބުގައި ޢާއިޝާ، ޢަބްދުالله ބިން މަސްޢޫދު އަދި އަނަސް [رضي الله عنهم]ގެ ކިބައިން [ޙަދީޘް] ރިވާވެގެން އައިސްފައި ވެއެވެ. އަބޫ ބަރްޒާ [رضي الله عنه]ގެ ޙަދީޘަކީ ޙަސަން ދަރަޖައިގެ ޞައްޙަ ޙަދީޘެކެވެ.
ޢިލްމުގެ އަހުލުންގެ ގިނަ ބޭކަލުން ޢިޝާ ނަމާދުގެ ކުރިން ނިދުން މަކުރޫހަ ކުރައްވައެވެ. އަދި ބައެއް ބޭކަލުން މި ކަމުގައި ލުއި ދެއްވައެވެ.
ޢަބްދުލްالله ބިން އަލްމުބާރަކު (ނޔވ 181) ވިދާޅު ވިއެވެ: [މި ކަމުގައި ވާރިދުވެފައި ވާ] ގިނަ ޙަދީޘް ދަލީލުކޮށްދެނީ މަކުރޫހަ ކަމަށެވެ. އަދި ރަމަޟާން މަހު ޢިޝާ ނަމާދުގެ ކުރިން ނިދާލުމުގައި ޢިލްމުގެ އަހުލުންގެ ތެރެއިން ބައެއް ބޭކަލުން ލުއި ދެއްވައެވެ.” [سنن الترمذي – ت شاكر 312/1]