16 ޖަނަވަރީ 2025
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި, ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮންމެ އަހަރަކު 100 އިމާމުން ރާއްޖެއިން ބޭރުން ތަމްރީން ކުރާނަން: ވަޒީރު

ފަސް އަހަރު ދުވަހުގެތެރޭގައި ރާއްޖެއިން ބޭރަށް 500 އިމާމުން ތަމްރީން ކުރުމަށް ފޮނުވަން މަސައްކަތްކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ އިމާމުންގެ މަހާސިންތާ 2024 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިމާމުންނަށް ޚާއްސަކޮށްގެން 1 ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް 300 އިމާމުންނާއި ހާޒިރުވެގެން ބައިވެރިވާ 208 އިމާމުން ހިމެނެއެވެ.

މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދަކީ ރާއްޖޭގެ އިމާމުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމާއި، އިމާމުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެފަދަ މައްސަލަތަކަށް ހައްލުހޯދާނެ ގޮތް އުނގަންނައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އިމާމުންގެ މުހިންމުކަމާއި، އިމާމްކަމުގެ މަސްޢޫލިއްޔަތު އަދާކުރުމަކީ ހެޔޮކަމެއްކަން ފާހަގަކުރައްވާ އެކަމުގެ ފައިދާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިމާމުން ތަމްރީންކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

މިއަހަރުގެ މިހާތަނަށް އައު މަންހަޖުގެ ތެރެއިން 400 އިމާމުންނަށް ތަމްރީން ދީފައިވާކަމަށެވެ. އަދި ރާއްޖޭއިން ބޭރަށް 60 އިމާމުން ފޮނުވައިގެން ތަމްރީންކޮށްފައިވާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަހަރު ނިމުމުގެ ކުރިން 100 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީންކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިދައުރުގައި ކޮންމެ އަހަރަކު 100 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރުމަށް ޢަމާޒުކޮށްފައިވާކަމަށާއި، އެގޮތުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި 500 އިމާމުން ރާއްޖެއިން ބޭރުން ތަމްރީން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އިމާމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

"މި ފަސް އަހަރުގެ ތެރޭ މަދުވެގެން 500 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިގެންތަމްރީން ކުރާނަން. އަދި މަދުވެގެން 1000 ޒުވާން ޚަތީބުން ނެރޭނަން. އިމާމްކަމުގެ މަޤާމަކީ ހާދަ މަތީ މަޤާމެކޭ. މާތް ﷲ ކަނޑައަޅުއްވާފައިވާ އެހާ މާތް އަޅުކަމެއްގެ ތެރޭގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުންނަން ޖެހޭ މީހާއަކީ މަތީ ޝަރަފަކާއި އިއްޒަތެއް އޮތް މީހެއް." އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަހާސިންތާގައި މަޝްވަރާކޮށް ނިންމާ ކަންތައްތައް ތަންފީޒު ކުރައްވާނެކަމަށެވެ. އެގޮތުން އިމާމުންގެ އައު އޮނިގަނޑު އެކުލަވާލާއިރުވެސް މި މަހާސިންތާގައި މަޝްވަރާކުރާ ކަންތައްތަކާއި ނިންމާ ކަންތަތައްތައް އައު އޮނިގަނޑުގައި ހިމަނުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު