ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނާންޑޭޒް ގެ އަޑުން ކިޔައިފައިވާ ލަވަ، ވީޑީއޯ އާއި އެކުގައި ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
އިނގިރޭސި އަދި ހިންދީ ބަހުން ގެނެސްދީފައިވާ މި ލަވަ ކިއުމުގެ އިތުރުން ލަވައިގެ ވީޑީއޯ އިން ވެސް ފެނިގެންދާނެ އޭނާއެވެ. ލަވައިގެ ނަމަކީ "ސްޓޯމްރައިޑާ" އެވެ. ލަވަ ރެކޯޑްކޮށްފައި ވަނީ އެމެރިކާގެ ރެކޯޑް ލޭބަލެއް ކަމަށްވާ ބެވަލީ ހިލްސްގެ މިސްޓް މިއުޒިކްގެ ތައްގަނޑުގަ އެވެ.
ދެބަހުގެ މަސްހުނި ލަވައިގައި ފެނިގެންދަނީ ވެސް މަސްހުނި އިހުސާސް ތަކެކެވެ. ވަރުގަދަ ބޮލީވުޑްގެ ނެށުންތަކަކާ އެކުގައި ފެނިގެންދާ މި ލަވައިގައި ޖެކްލީން ފެނިގެންދަނީ ހޮލީވުޑްގެ ކޮސްޓިއުމް ތަކެއްގައިއެވެ. މި ލަވައިގެ ޅެން ލިޔުނީ އަމްރިތާ ސެން އާއި ރޮބިން ގުރްބާޓެވެ.
ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާ އަކީ "ކިކް" އާއި "ރޭސް 2″ ގެ އިތުރުން "ހައުސްފުލް" ފްރެންޗައިޒް ގެ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ބަތަލާއެކެވެ.