އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ދޭދަރު ރުއިން" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.
އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން މި އަހަރުގެ ނޮވެމްބަރުގައި ގެެނެސްދިނުމަށް ތާވަލު ކޮށްފައިވާ މި ފިލްމް މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އައި ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.
އައި ފިލްމްސް އިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން ބިރުވެރި ފިލްމު "ކަންބަޅި" އެވެ. އެއީ އިލްޔާސް ވަހީދު (އިއްލެ) އާއި އެކްޓަރު އިފްނާޒް ފިރާގުގެ ޑައިރެކްޝަނެކެވެ. މީގެ އިތުރުން ކަޒްމިކް އިންޓަނޭޝަނަލް އިން ނެރުނު "ދަރަކަ" ސީރީޒަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކްރައިމް ތުރިލާއެކެވެ.
"ދޭދަރު ރުއިން" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާޒިފް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ. މީގެ އިތުރުން ނޭޕާލު އަންހެން ކުއްޖެއްކަމަށްވާ ޝުޝްމާ ވެސް މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެއެވެ.