މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންނަށް ދޭން ފަށައިފިއެވެ.
މި ސެޝަންތައް މަތީ ޘާނަވީއަށް ކިޔަވައިދޭ އިތުރު ސްކޫލުތަކުގައި މިހަފްތާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީއެޗްއެސްސީގެ ދަރިވަރުންނަށް ވަނީ މި ޕްރޮގްރާމްއާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ކުރިއަށްގެންދާނީ ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ ޢަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދިވެހި މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤުސަދުގައެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްރަށް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޖުމްލަ 2400 އަށްވުރެ ގިނަ މުދައްރިސުން ދާއިރާއަށް ބޭނުންވާކަމަށާއި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން 250 މުދައްރިސުން ބޭނުންވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.