ބޮލީވުޑް އިންޑަސްޓްރީގައި 25 އަހަރު ފުރިހަމަ ކޮށްފައިވާ ކާމިޔާބު އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ގެ ކުރިއަށް އޮތް ފިލްމް "ދާއިރާ" ގެ މަސައްކަތަށް ނިކުންނަން ތައްޔާރު ވެއްޖެއެވެ.
ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދަން ނިންމާފައިވާ މި ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ވަނީ ބުނެފިއެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާނީ ކަރީނާ ކަޕޫރުއެވެ. އޭނާއާއި އެކުގައި ފެނިގެންދާނީ އަޔުޝްމާން ކުރާނާއެވެ.
މީ އަނެއްކައިވެސް ސްކްރީންއަށް މުޅިން އައު ޖޯޑެކެވެ. މި ފިލްމަކީ އިންޑިއާގެ ހައިދަރުއާބާދުގައި ހިންގި ރޭޕްގެ ހާދިސާއެއްގައި ޝާމިލުވާ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން އެ މީހުން މަރައިލި ކަމަށް ތުހުމަތުކުރާ މައްސަލަގަނޑަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށްވެއެވެ.
މި ފިލްމުގައި ކަރީނާ ކުޅޭނީ ފުލުހެއްގެ ރޯލު ކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ. އެންމެ ފަހުން ކަރީނާ ފެނިގެންދިއަ ފިލްމް "ދަ ބަކިންހަމް މާޑާސް" ގައި އޭނާ ވަނީ ޑިޓެކްޓިވްއެއްގެ ރޯލު ކުޅެފައެވެ. މި ފިލްމު ވާނީ މެގްނާއާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
ޖަނގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ "ދާއިރާ" އަކީ ވަރަށް އުންމީދީ ފިލްމެކެވެ. އާންމުކޮށް ހަގީގީ ހާދިސާތަކަށް ބިނާކޮށް ފިލްމު ހަދާ މެގްނާ އަކީ "ތަލްވާރު" އާއި "ރާޒީ" އަދި "ޗަޕާކް" ފަދަ ފިލްމް ތަށް ގެނެސްދިން ކުޅަދާނާ ޑައިރެކްޓަރެވެ.