15 ޖަނަވަރީ 2026
ރައީސުލްޖުމްހޫރިއްޔާގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮޓޯ: ރައީސް އޮފީސް

އަތޮޅުތަކުގައި އަޅާ ފުރަތަމަ ވަޤްފު އިމާރާތް އައްޑޫ ސިޓީގައި އަޅަނީ

އަތޮޅުތަކުގައި އަޅާ ފުރަތަމަ ވަޤްފު އިމާރާތް އައްޑޫ ސިޓީގައި އަޅަން ނިންމާ، އެކަމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުގައި ވަޤްފު އިމަރާތް އެޅުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ސިޓީ/އަތޮޅު ކައުންސިލްތަކުން 10 ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ. އަދި ރަށު ކައުންސިލްތަކުން 14 ރަށަކުން ޕްރޮޕޯސަލް ހުށައެޅިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މީގެތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ކަމަށާއި، އައްޑޫ ވަޤްފު އިމާރާތް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާކަމަށެވެ. މިއީ 30 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސްގެ މެނިފެސްޓޯގައި ހިމެނުއްވިގޮތަށް، އިސްލާމީ ފަންޑު ދިރުވުމުގެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމެވެ. މިގޮތަށް ނިންމާފައިވަނީ އެ ވުޒާރާއިން ހުޅުވާލި ފުރުޞަތަށް ލިބުނު ޕްރޮޕޯސަލްތަކުން އެންމެ ރަނގަޅު ޕްރޮސަލަށް ބެލުމަށްފަހުގައެވެ.

އިސްލާމީ ފަންޑު ދިރުވުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫޢުއަކީ މާލެއާއި އަތޮޅުތަކުގައި ވަޤްފު އިމާރާތްތައް އެޅުމުގެ މަސައްކަތެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހުޅުމާލޭގައި އަޅާ ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް އަދި މާލޭގައި އަޅާ ދާރުލްއަރްޤަމްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ވަޤުފުގެ ބޮޑު މަޝްރޫޢުއަކީ 200 މިލިޔަން ރުފިޔާގެ މަޝްރޫޢުއެއްކަމަށާއި، މި މަޝްރޫޢުގެ ސަބަބުން އަހަރަކު 30 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބޭނެއެވެ.

"ފުރަތަމަ މަޝްރޫޢު، މާލޭގައި އަޅާ ދަރުލްއަރްޤަމްގެ މަސައްކަތް މިއަހަރު ނިމުގެ ކުރިން ފެށުމަށް ދަނީ މަސައްކަތްކުރަމުން. އަދި ހުލުމާލޭގައި އަޅާ ދާރުއްސާލާމް ގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢުއާއެކު އައްޑޫ ސިޓީގައި އިސްލާމީ ކަންކަން ކުރިއެރުވުމަށް ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ ކުރިއަށް ގެންދެވޭނެކަމަށެވެ. އެގޮތުން މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ މުބާރާތްތައް ބޭއްވުމާއި އެ ރޮނގުން އިތުރަށް މަސައްކަތް ކުރުމަށް ފުރުޞަތު ލިބޭނެކަމަށެވެ.

މިހާރު ރާއްޖޭގައި ހިންގަމުންދާ ހަމައެކަނި ވަޤްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއިމާނެވެ. އެތަނުން އަހަރަކު 6 މިލިޔަން ރުފިޔާ ވަޤްފް ފަންޑަށް ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު