18 ޖަނަވަރީ 2025
ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް، ފޮޓޯ: ދާޚިލީ ވުޒާރާ

އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން މިހާތަނަށް 3،692 ފަރާތަކުން އެދިފައިވޭ: ދާޚިލީ ވުޒާރާ

އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން މިހާތަނަށް 3،692 ފަރާތަކުން އެދިފައިވާ ކަމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިކަން ދާޚިލީ ވުޒާރާއިން ހާމަކޮށްފަވާއިރު ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ އެފަރާތްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމަށް ދެ ހަފްތާގެ މުއްދަތެއްދިނީ މިމަހުގެ 02ވަނަ ދުވަހުއެވެ.

މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަަމަށާއި އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފާއިވާ ކަމަށެވެ.

އަދި ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށާއި އެގޮތަށް ނިންމީ ފީތައް ނުދައްކާތީ ކަމަށްވެސް މަޖީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެކަން މަޖީދު ފާހަގަކުރެއްވިއެވެ.

"ދައުލަތަށް ދައްކަން ޖެހޭ އެންމެ ރުފިޔާއެއް އޮތަސް އަޅުގަނޑުމެން ޖޫރިމަނާ ކުރާނަން." ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވިއެވެ.

ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާއެކު ބިދޭސީންގެ މައްސަލާގައި ޚިޔާލާއި މަޝްވަރާ ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު