16 ޖަނަވަރީ 2025

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހުސްވެފައިވާ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކާލްސް ސްޓުމްކަ މި މަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބީއެމްއެލްގެ ސީއީއޯގެ މަޤާމުގައި ހުންނެވި ކަރލް ސްޓުމްކަ އިސްތިއުފާ ދެއްވުމުން، މިހާރު ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.

ބީއެމްއެލްއިން ކުރި އިޢުލާނުގައި ވަނީ، ސީއީއޯގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން ނުވަތަ ފައިނޭންސުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މި މަޤާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، އަދި ސީނިއާ މެނޭޖްމެންޓުގައި 5 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމުގައިވެސް އެ ބޭންކުގެ އިޢުލާނުގައި ވެއެވެ.  ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރާނީ 3 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި މަޤާމުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު