ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންފެށި އޮޕަރޭޝަންގެ ދަށުން، މި ސަރުކާރުގެ ފުރަތަމަ 10 މަސް ތެރޭ 4،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަަމަށް މޯލްޑިވްސް އިިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން 10 މަސް ތެރޭގައި މި ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓްކޮށްލައިފައެވެ.
މީގެ ތެރެއިން ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް 90 ބިދޭސީން ޑީޕޯޓްކޮށްލިއިރު، ޑިސެމްބަރު މަހު 202، ޖަނަވަރީ މަހު 237، ފެބްރުވަރީ މަހު 309، މާރިޗް މަހު 332، އޭޕްރިލް މަހު 240، މެއި މަހު 377، ޖޫން މަހު 690، ޖުލައި މަހު 461، އޮގަސްޓް މަހު 453 އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 މީހުން ވަނީ ޑީޕޯޓްކޮށްލައިފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި މަސައްކަތުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ޤާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ.