ރާއްޖޭގެ ތިން ސަރަހައްދެއްގައި ތަރައްޤީކުރުމަށް ނިންމާފައިވާ މަސް ޕްރޮސެސްކުރާ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން، މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުންކަމަށެވެ. އޭގެ ނަތީޖާއަކީ މަހަށް ލިބެންވާ ހަމަ އަގު ނުލިބުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޯށްގެން މަސް ބޭރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށްޓަކައި މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަންތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އަމިއްލަ ކުންފުނިތައް ހިމެނޭހެން މިވަގުތު ރާއްޖޭގައި ޕްރޮސެސްކުރެވެނީ ދުވާލެއްގެ މައްޗައް ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެމަސް ކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު އެ ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެ ކާރުޚާނާތައް ނިމުމުން ޚާއްޞަކޮށް ކަނޅުބިލަމުހުން ލިބޭ އާމްދަނީ ބޮޑަށް އިތުރުވެގެންދާނެކަމަށެވެ.
ތަފާސްހިސާބުތަކާ ހަވާލާދެއްވާ ޝިޔާމް ވިދާޅުވީ ރަނގަޅު މަސްވެރިކަމެއްގައި މަސް އެކްސްޕޯޓްކޮށްގެން 92 މިލިޔަން ޑޮލަރާއި 95 މިލިޔަން ޑޮލަާ ހަމައަށް އާމްދަނީ ރާއްޖެއަށް ލިބޭކަމަށެވެ. ނަމަވެސް އައު ކާރުޚާނާތަކާއެކު އެ ޢަދަދު ދެގުނަ ކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލައްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.