16 ޖަނަވަރީ 2025
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަން މުހިންމު މަޝްވަރާއެއް، ފޮޓޯ: މިފްކޯ

މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަން މުހިންމު މަޝްވަރާއެއް

ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސް ބޭފުޅުންނާއި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިފްކޯގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައެވެ. އަދި މިފްކޯގެ ސައިޓްތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާއިމެދުވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. މީގެ އިތުރުން ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާއި މެދުވެސް މަޝްވަރާ ކުރެވުނެވެ. ހާއްސަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަން މުހިންމު މަޝްވަރާއެއް، ފޮޓޯ: މިފްކޯ

މި މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައެވެ. އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފައެވެ.

މިފްކޯއިން ކުރާ ދަނޑުވެރިކަމުން އެކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެވެއެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެކުންފުނީގެ ހަރަދުތައް މެނޭޖުކުރެއެވެ. މިފްކޯގައި ގާތްގަނޑަކަށް 2000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު