16 ޖަނަވަރީ 2025
ސްރީލަންކާގެ ތާރީޚް "އަލުން ލިޔުއްވާނެ" ލަންކާގެ 9 ވަނަ ރައީސް އަނޫރާ ހުވާ ކުރައްވައިފި

ސްރީލަންކާގެ ތާރީޚް "އަލުން ލިޔުއްވާނެ" ކަމުގެ ވަޢުދާއެކު ލަންކާގެ 9 ވަނަ ރައީސް އަނޫރާ ހުވާ ކުރައްވައިފި

ސްރީލަންކާގެ 9 ވަނަ ރައީސް ކަމުގެ ހުވާ އަނޫރާ ކުމާރަ ދިސަނަޔަކަ މިއަދު ކުރައްވައިފިއެވެ.

55 އަހަރުގެ އަނޫރާ، ހުވާކުރައްވާފައި މިވަނީ އިޤްތިސާދީ ނުރައްކަލުގެ ކާރިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ސްރީލަންކާގެ ތާރީޚް "އަލުން ލިޔުއްވާނެ" ކަމުގެ ވަޢުދާއެކުގައެވެ.

މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް އެންމެ ވާދަވެރި އެއް އިންތިޚާބެވެ. ސްރީލަންކާގެ ތާރީޚުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އިންތިޚާބު ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) ޕާޓީގެ ލީޑަރު އަދި އެ ޕާޓީ ނިސްބަތްވާ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ލީޑަރު، އަނޫރާ، ކާމިޔާބު ކުރެއްވީ %42.31 ވޯޓާއެކު ކަމަށް އިލެކްޝަން ކޮމިޝަނުން ރޭ ބުންޏެވެ. ވާތުފިޔައިގެ އަނޫރާއަކީ ސިޔާސީ މަސްރަހު ހަލަބޮލިކުރުވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރާ އިރު، ތަޖުރިބާކާރުން ދެކޭ ގޮތުގައި އޭނާ ހޯއްދެވި ކާމިޔާބީއަކީ ޒަމާނުއްސުރެ ލަންކާގައި އަށަގެންފައިވާ ކޮރަޕްޝަނާއި ޚުދުމުހުތާރު ނިޒާމާ ދެކޮޅަށް ރައްޔިތުން ދިން ވޯޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖުމުލަ 38 ކެންޑިޑޭޓަކު ވާދަ ކުރި އިންތިޚާބުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެ ޤައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޕްރަމަދާސާގެ ދަރިކަލުން ސަޖިތު ޕްރަމަދާސާ އެވެ. އޭނާ ވަނީ، ވޯޓަށް ޝަރުތު ހަމަވާ 17 މިލިއަން މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 12.75 މިލިއަން މީހުންގެ ވޯޓުގެ %32.76 ހޯއްދަވައިފައެވެ.

މި އިންތިޚާބަކީ 2022 ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބެވެ. އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އަނޫރާ ވަނީ ހެޔޮވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ވޯޓުލާން ތިބި ރައްޔިތުންނަށް ދެއްވާފައެވެ. 

އަނޫރާ ހުވާ ކުރެއްވުމުގެ ކުރިން ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާ އިސްތިޢުފާ ދެއްވުމުން ރައްޔިތުންގެ މަޖިލިސް އުވާލުމުގެ މަގު އަނޫރާއަށް ތަނަވަސްވެގެން ދިޔައެވެ.

އާދީއްތަ ދުވަހު ވޯޓު ގުނުމަށްފަހު އަނޫރާ އިންތިޚާބު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ %50އަށް ވުރެ ގިނަ ވޯޓު ނުލިބުމުން ދެ ވަނަ ބުރުގެ ވޯޓު ގުނުމަށް ފަހުއެވެ.

މި އިންތިޚާބުގެ އެއްވަނަ، ދެ ވަނަ އަދި ތިން ވަނަ އިހުތިޔާރުގެ ވޯޓު ގުނުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ބުނީ އަނޫރާ ޖުމުލަ 5،740،179 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. އިންތިހާބުން ދެ ވަނަ ހޯއްދެވި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާއަށް ލިބިވަޑައިގެންފައިވަނީ 4،530،902 ވޯޓެވެ. މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ވޯޓު ގުނުމުގެ ފުރަތަމަ ބުރުގައި 2،299،767 ވޯޓު ލިބިވަޑައިގެންނެވި އިރު، ދެވަނަ ބުރުން އޭނާ ވަނީ ބާކީކޮށްފައެވެ.

މި ހަފުތާގެ ބަންދުގެ ވޯޓާ ހަމައަށް ލަންކާގައި 1982 ވަނަ އަހަރުން ފެށިގެން ބޭއްވި އަށް ރިޔާސީ އިންތިހާބުގެ ތެރެއިން ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓު ގުނުމުގެ ފުރަތަމަ ބުރުގައި އެއް ބޭފުޅަކު ވަނީ އިންތިޚާބު ކާމިޔާބުރައްވާފައެވެ.

އަނޫރާއަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، 1970 އާއި 1980ގެ އަހަރުތަކުގައި ލަންކާގެ ދައުލަތާ ދެކޮޅަށް ހަތިޔާރު އެޅި ދެ ބަގާވާތެއް ހިންގި އަނޫރާގެ ސިޔާސީ ޕާޓީ، ޖޭވީޕީގެ ހަރުކަށި މާޒީއާ މެދު އުފެދުނު ނުތަނަވަސްކަމުން އަރައިގަތުމަށް ފުރުސަތު ލިބޭނެ އެވެ. މިފަހަކަށް އައިސް އަނޫރާ ވަނީ ޕާޓީގެ ހަރުކަށި ފިކުރުގެ ސްޓޭންޑް މޮޑަރޭޓް ކުރަން ވެސް މަސައްކަތްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު