16 ޖަނަވަރީ 2025

ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލައިފި

މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ނިންމައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާކަމަށާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށާއި، މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންއަށް ސްލޮޓު ދޫނުކުރަން ނިންމަވާފައިވާކަމަށެވެ.

އެހެންކަމުން،  މިހާރު މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. އަދި މިއަދާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށްވެސް ދޫކުނުކުރަން އެ ކައުންސިލަށް އަންގަވާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށްގެން ކުރެއްވެން ހުރިކަންކަން ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު