16 ޖަނަވަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ފަލަސްޠީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގައި ޤައުމުތަކުގެ އެއްބާލެއްވުމަށް ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެވެން އޮތް ހުރިހާ ގޮތަކުން ދިވެހިރާއްޖެއިން ފަލަސްޠީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަން ތަކުރާރު ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.

ފަލަސްޠީނުގެ ރައީސް، މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ ފަލަސްޠީނުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު