ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، "100 ސޯލޯ އެގްޒިބިޝަން"ގެ ނަމުގައި އަޙްމަދު އަޒުމީ ބާއްވާ ކުރެހުމުގެ މައުރަޒު ބައްލަވާލައްވައިފިއެވެ
ނެޝަނަލް އާރޓްގެލެރީގައި ކުރިޔަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރޭ ރައީސް މައުމޫން ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ކުރެހުންތެރިޔާ އަޙްމަދު އަޒުމީއާއި ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައިވެއެވެ. އަދި އަޙްމަދު އަޒުމީވަނީ ރައީސް މައުމޫނަށް އޭނާގެ ކުރެހުމެއްވެސް ހަދިޔާކުރައްވާފައެވެ.
"އެކްސް" މެދުވެރިކޮށް ރައީސް މައުމޫން ވިދާޅުވީ މި މައުރަޒަށް ޒިޔާރަށްކުރެއްވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމަށާއި، ތަފާތު ކުރެހުންތަކުގެ ކޮންސެޕްޓް ވިދާޅުވެދެއްވުމަށް އަޙްމަދު އަޒުމީ އެމަނިކުފާނާއި އެކު ހޭދަކުރެއްވި ވަގުތަށާއި، އޭނާ ހަދިޔާކުރެއްވި ރީތި ކުރެހުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމުގައެވެ.
ނެޝަނަލް އާޓްގެލަރީގައި މިމަހުގެ 17 އިން މިއަދުގެ ނިޔަލަށް ކުރިޔަށްގެންދާ މި މައުރަޒު ބަލާލުމުގެ ފުރުޞަތު މިރޭ 11:00 އާއި ހަމައަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ.