16 ޖަނަވަރީ 2025
ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް

ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް އާންމުވުމާ ގުޅިގެން ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

ކުޑަކުދިންގެ މެދުގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ޢާންމުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަައްވައި، އެޗްޕީއޭއިން ވިދާޅުވީ މިބަލީގެ ސަބަބުން ބަލީގެ ޙަލަތު ގޯސްވެ، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތަށް ދިޔުން ގާތްކަމަށެވެ. ބަލީގެ ބާވަތުން މިދުވަސްވަރު ކުޑަކުދިން ގޮވައިގެން ބޭރުތެރޭގައި އުޅުން މަދުކުރުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވައެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް(އާރް.އެސް.ވީ) ކުޑަކުދިންގެ މެދުގައި ޢާންމުވަމުންދާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ ޢާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭ އިން ވަނީ ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، އަދި ޢާންމު ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށާއި، ގައިން ގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް މީހުން ގިނައިން އެއްވާ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށް އިލްތިމާސްކުރައްވާފައެވެ.

މިބަލިގެ ޢަލާމާތްތަކަކީ ޢާންމު ރޯގާގައި ހިމެނޭ ބައެއް ޢަލާމާތްތައްކަމުން ބައްޔާމެދު އިތުރަށް ސަމާލުވާންޖެހޭ ކަން ފާހަަގަކުރައްވައި، އެޗްޕީއޭއިން ވިދާޅުވީ، ހުން އައިސް ކެއްސާ އަދި ނޭވާލާން އުނދަގޫވެ މެއަށް ތަދުވާނަމަ ސިއްޙީ ފަރުވާ ހޯދުމަށް އަވަސްވާންޖެހޭކަމަށެވެ.

މީގެ އިތުރުން، ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ ފަރުވާދެވި ބަލި ބޮޑުނުވެ ރައްކާތެރިވުމުގެ ފުރުސަތު އޮންނަކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ބަލީގެ ސަބަބުން ގައިން ފެން މަދުވުމުގެ ސަބަބުން ކުރިމަތިވާ އެކި ސިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށް ގިނަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މުހިންމުކަމެއްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް(އާރް.އެސް.ވީ)އަކީ ނޭވާލާ ނިޒާމަށް ޖެހޭ ޢާންމު ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ބަލީގެ ނުރައްކާ ބޮޑުވަނީ ތުއްތު ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ މެދުގައެވެ. އަދި މިބަލީގެ ސަބަބުން ޢާންމުކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހެނީވެސް ތުއްތު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނެވެ. އަދި މިއީ އަހަރުނުވާ ތުއްތު ކުދިންގެ މެދުގައި ނިއުމޯނިއާ އަދި ބްރޮންކިއޮލައިޓިސް ޖެހުމަށް މަގުފަހިކުރާ އެންމެ ޢާންމު ބައްޔެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު