މާލެ ސިޓީގެ ކެރީއިންގ ކެޕޭސިޓީ އަދި އުޅަނދުފަހަރުގެ އުމުރު ކަނޑައެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި މަސައްކަތަކީ މާލެފަހި ޕްރޮގްރާމްގައި ހިމަނައިގެން ވަރަށް އިސްކަމެއްދީގެން ކުރަން ފަށާފައިވާ ކަމެއް ކަމަށް އެ ކަައުންސިލުން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ން ކުރިން އާންމުކޮށްފައިވާ ކެރީއިންގ ކެޕޭސިޓީ ކަނޑައެޅުމުގެ އުސޫލުތައް ތަންފީޒުކުރުމުގައި ކައުންސިލުތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ އުޅަނދު ކެޕޭސިޓީ އަދި ޕާކިންގ އޭރިއާގެ ނިސްބަތުން ބޭނުންކުރެވޭނެ އުޅަނދުތަކާއި އުޅަނދުގެ އަދަދު ކަނޑައެޅޭނެ ގޮތަށް ގަވާއިދު ވަނީ އިސްލާހުކުރެވިފައެވެ.
މި އިސްލާހާ ގުޅިގެން، މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މާލެ ސަރަހައްދުގެ ކެރީއިންގ ކެޕޭސިޓީ އަދި އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އެކަށީގެންވާ މިންވަރަކަށް ބެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ކެރީއިންގ ކެޕޭސިޓީ ކަނޑައެޅުމުގެ މުހިންމު ފައިދާތަކެއް ވެއެވެ. މީގެ ތެރޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، މަގުމަތީގެ ރައްކާތެރިކަން އިތުރުވުމާއި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، އަދި ޕާކިންގ ޖާގައިގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ފިޔަވަޅުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށް ޓްރާްންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަސައްކަތް ނިމުމުން، މާލޭގައި ދުއްވޭނެ އުޅަނދުފަހަރުގެ އަދަދާއި، އެ އުޅަނދުފަހަރުގެ އުމުރު ކަނޑައެޅި، އާންމުކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.