ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ކައިވެންޏަށް އަހަރު ފުރުން ފާހަގަ ކުރަން ރާއްޖެ އަތުުވެއްޖެއެވެ.
މިއީ އެމީހުން ކައިވެނި ކުރި ފަހުން ފުރޭ ފުރަތަމަ އަހަރެވެ. 1 އަހަރުވީ އެނިވަސަރީ ފާހަގަ ކުރުމަށް އެމީހުން ރާއްޖެ އައިސްފައިވަނީ ކޮންދުވަހުކަމެއް ނޭނގެއެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއްވެސް ނޭނގެއެވެ.
ނަމަވެސް ޕަރީ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މި ދަތުރުގެ ތެރެއިން ނަގާފައި ބައެއް ފޮޓޯތަކާއި ވީޑިއޯ ޕޯސްޓް ކޮށްފައިއެވެ. އެއާއިއެކު ގިނަ ބަޔަކު އަންނަނީ މިދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. ޕަރީ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައެވެ.
ޕަރީ އާއި ރާގަވްގެ ކައިވެންޏަށް އެއް އަހަރުވީ އިއްޔެ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރާގަވް އާއި ޕަރީ ކައިވެނި ކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު 24 ގައެވެ. މި ކައިވެނި ކުރެވިގެން ދިއައީ ވަރަށް ކުލަގަދަ ހަފްލާއެއްގައެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕަރިނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ކަޒިންއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.