13 ނޮވެންބަރު 2025
ހޯމަ ދުވަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 35 ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 500 މީހުން މަރުވި. ފޮޓޯ- އޭއެފްޕީ

ހިޒްބުاللهއަށް އިސްރާއީލުން ހަމަލާދޭއިރު، އީރާނު ހަމަހިމޭނުން އޮންނަނީ ކީއްވެ؟

  • ޖުލައި މަހު ތެހެރާނުގައި ހަމާސްގެ ވެރިޔާ ހަނިއްޔާ ޝަހީދުކޮށްލި ފަހުން އިސްރާއީލާއި އީރާނާ ދެމެދު ސީދާ ހަމަނުޖެހުން ހިނގަމުންދާ ކަމުގެ ޝައްކުތައް ވަރަށް ބޮޑަށް ކުރެވެއެވެ.
  • ލުބްނާނުގެ ހާލަތު ގޯސްވަމުން އަންނާތީވެ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުން އަންނަނީ ހިޒްބުاللهގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދުނިޔޭގެ ލީޑަރުން ނިއުޔޯކަށް ޖަމާވެފައިވާއިރު، ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ މެދުއިރުމަތީގައި އިސްރާއީލާއި ހިޒްބުاللهއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން މި ސަރަހައްދު އަނެއްކާވެސް އިތުރު ހަނގުރާމައެއް ފެށިދާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު ލުބުނާނަށް، އިސްރާއީލުން ދިން ހަމަލާތަކުގައި 35 ކުޑަކުދިން ހިމެނޭގޮތަށް، ގާތްގަނޑަކަށް 500 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހިޒްބުاللهގެ ގާތްގަނޑަކަށް 1600 އަމާޒަކަށް ހަމަލާދީ، ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

މިކަމާގުޅިގެން، އަންގާރަ ދުވަހު، އިތުރު ހަމަލާތަކެއް އިސްރާއީލުން ލުބުނާނަށް ދީފައިވާއިރު، މިއީ، 2006 ވަނަ އަހަރު އިސްރާއީލާއި ލުބުނާނުގެ ހަނގުރާމައަށް ފަހު އިސްރާއީލުން ލުބުނާނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

މި ހަމަލާތައް އިސްރާއީލުން ދީފައި މިވަނީ ހިޒްބުاللهގެ އޮފިޝަލުން ގެންގުޅުއްވި މުވާސަލާތީ ވަސީލަތްތަކަކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހަފުތާއެއް ނުވަނީހެވެ. މި ހަމަލާގައި، 39 މީހުން މަރުވެ، ގާތްގަނޑަކަށް 3،000 މީހުން ޒަޚަމްވިއެވެ. ހިޒްބުالله އިން ވަނީ އިޒްރޭލުގެ ސަރަހައްދުތަކަށް އެންމެ ފަހުގެ ތާޒާ ރޮކެޓް ހަމަލާތަކެއް ދީފަ އެވެ.

އިސްރާއީލުން އެއްގަމު މަގުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް، ހަމަލާއެއް ދީފާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކު ވިދާޅުވެފައިވަނީ، އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ފުޅާވަމުންދާނަމަ އަދި އިސްރާއީލު ސިފައިން އެއްގަމުން ލުބްނާނަށް އަރައިގެންފި ނަމަ އަރަބި އިސްލާމީ އެތައް ގައުމެއްގެ އެތައް ހާސް ވޮލަންޓިއަރުން ހިޒްބުﷲ އާ ގުޅޭނެކަމަށެވެ. މިކަމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޮޝިންޓަން އިންސްޓިޓިއުޓްގެ ލިންޑާ އެންޑް ޓޯނީ ރޫބިން ޕްރޮގްރާމް އޮން އަރަބް ޕޮލިޓިކްސްގެ ފްރީޑްމަން ސީނިއާ ފެލޯ ހަނީން ގައްދާރު މި ހަފުތާގައި ފޮރިން ޕޮލިސީގައި ލިޔުއްވާފައިވަނީ، އިސްރާއީލާއި ހިޒްބުاللهއާ ދެމެދު ފުލް ސްކޭލް ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތް ނަމަވެސް ދެ ފަރާތުން އަދިވެސް އިސްކަން ދެނީ ޑިޕްލޮމެޓިކް ހައްލަކަށް ކަމަށެވެ.

އިސްރާއީލުން މަސައްކަތް ކުރަމުންދަނީ، ހަމަލާތައް ހިޒްބުاللهއަށް އަމާޒުކޮށް ބެހެއްޓުމަށެވެ. ނަމަވެސް ހިޒްބުالله އިން ދަނީ އިސްރާއީލު ރުޅިއަރުވާ ނުލައި މަސްރަހު ފިނިކުރެވޭތޯއެވެ. ސަބަބަކީ، ހިޒްބުاللهގެ އެންމެ އަގުބޮޑު އަސްކަރީ މުދާ ބޭކާރު ގޮތުގައި ބޭނުންކުރުމަށް މަޖުބޫރު ވެދާނެތީއެވެ. މި ހަތިޔާރުތަކަކީ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އީރާނުން ހިޒްބުالله އަށް ހަދިޔާ ކުރާ ތަކެއްޗަށް ވާތީއެވެ.

އިސްރާއީލާއި ހިޒުބުﷲއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މަޝްރަހު ބިނާވެފައި އޮންނަނީ، ހިޒްބުاللهގެ އެންމެ އިސް މަދަދުގާރު އީރާނުން މިމައްސަލާގައި އިޚްތިޔާރުކުރާ ގޮތެއްގެ މައްޗަށެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި އިސްރާއީލުގެ ސަބަބުން ނުތަނަވަސްކަން އިތުރުވަމުންދާތީ، އިސްރާއީލާ ދެކޮޅަށް އދއިން އަޅާނުލާތީ، އދގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި އދއަކީ ހިއްސެއްނެތް، ނުވިސްނޭ ޖާހިލު ޖަމާއަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހިޒްބުاللهގެ މައްޗަށް އީރާނުން އޮންނަ ނުފޫޒު ބޭނުންކޮށްގެން ހިޒުބުﷲގެ ކޮންޓްރޯލް ހިފެހެއްޓުމަށް ބާރު އަޅާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޕެޒެޝްކިއާން ގޮވާލެއްވީ، "ލުބުނާނަކީ ދެވަނަ ޣައްޒާއަކަށް ވުމުގެ ފުރުޞަތު ނުދިނުމަށް" މަސައްކަތްކޮށް ދިނުމަށެވެ.

މިދިޔަ ޖުލައި މަހު ތެހެރާނުގައި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އީރާނާއި އިސްރާއީލާ  ދެމެދު ސީދާ އަސްކަރީ ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އިސްރާއީލުގެ ޓެރަރިސްޓް އެހަމަލާގެ ބަދަލު ހިފުމުގެ ވިސްނުން ގެންގުޅޭ ކަމުގެ ނިޝާނެއް އަދި ނުފެނެ އެވެ.

މިހާރު ލުބުނާނުގެ ޙާލަތު ހަލުވިކަމާއެކު ގޯސްވަމުންދާއިރު، ހިޒްބުاللهގެ ބައިވެރިންނަށް އެހީތެރިވުން ނޫން ގޮތެއް އައި.އާރް.ޖީ.ސީއަކަށް ނޯންނާނެއެވެ. ސަބަބަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އިސްރާއީލުން ޙަމަލާއެއް ދިނުމުގެ ކުރީން، އެތަކެތި ހިމާޔަތްކުރުމަށްޓަކައެވެ. މިގޮތުން، އިންޝުއަރެންސް ޕޮލިސީއެއްގެ ތެރެއިން ޒަމާނުއްސުރެ އީރާނުން ހިޒުބުﷲއަށް ހަތިޔާރުގެ އެހީތެރިކަން އަންނަނީ ދެމުންނެވެ.

އައި.އާރް.ޖީ.ސީން، އިސްރާއީލާ ސީދާ ކުރިމަތިލުމަކުން ދުރުހެލިވުމަކީ، އަސްކަރީ އަދި ސިޔާސީ އިސްތިރާޖީ ވިސްނުމުގެ ކޮމްޕްލެކްސް ވެބްގެ ތެރޭގައި ބިންވަޅު ނެގިފައިވާ ކަމެއްކަމަށް ފެނެއެވެ.

އިސްރާއީލުގެ ހަރުކަށި ފިކުރުތަކަށް ރައްދު ދިނުމަށް އީރާނަށް ވަނީ ޕްރެޝަރުވެފައެވެ. އެހެންނަމަވެސް، ހަމަނުޖެހުން ތައް އިތުރުވުމުގެ ނުރައްކާތަކާއި، އެމެރިކާގެ އަސްކަރިއްޔާއިން ހުރަސް އެޅުމާއި، ބައިނަލް އަގުވާމީ ސިޔާސީ އަދި އިގްތިސާދީ ގޮންޖެހުންތަކުގެ  ސަބަބުން ތެހެރާނުން ސީދާކޮށް ހަނގުރާމައިގެ ތެރެއަށް ވަނުމާމެދު ސަމާލުވާން ޖެހިފައިވާކަމަށް ބެލެވެ އެވެ.

އީރާނަށް މި ހުރަސްތައް ދެމިއޮތްހާ ހިނދަކު، އިސްރާއީލާއެކު ހަނގުރާމައެއްގެ ނުރައްކަލާ ކުރިމަތިލުމުގެ ބަދަލުގައި، އީރާނުން ބަރޯސާވަމުން ދާނީ އެގައުމުގެ ޕްރޮކްސީތަކާއި ހަނގުރާމަ ކުރުމުގެ ތަނަވަސްކަމުގެ ގާބިލްކަން ލިބިފައިވާ މިންވަރުގެ މައްޗަށެވެ.

އީރާނުން އިސްރާއީލާ ހަނގުރާމަ ކުރުމަށް އައި.އާރް.ޖީ.ސީން ފަސްޖެހޭ މައިގަނޑު އެއް ސަބަބަކީ ފުޅާ ދާއިރާއެއްގައި ހަމަނުޖެހުން އުފެދިދާނެ ކަމުގެ ބިރެވެ. އަސްކަރީ ގޮތުން އީރާނުން އަޅާ ކޮންމެ ފިޔަވަޅެއްގެ ސަބަބުން އިސްރާއީލުގެ އިތުރުން އެމެރިކާއިން ވެސް ވަރުގަދަ ރައްދެއް އީރާނަށް ދީފާނެކަން އެގައުމަށް ވަރަށް ބޮޑަށް އެނގޭތީއެވެ. މީގެ އިތުރުން އިސްރާއީލުގެ އަސްކަރީބާރު ގަދަވުކަމަކީ ވެސް އީރާން ފަސްޖެހޭ ވަރަށް ބޮޑު ވިސްނުމެކެވެ. މިއާއެކު، އިސްރާއީލުގެ ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމްތައް ކަމަށްވާ އަޔަން ޑޯމް އާއި ޑޭވިޑްސް ސްލިންގް ފަދަ ސިސްޓަމްތަކުގެ ސަބަބުން އީރާނުން އިސްރާއީލަށް ހަމަލާ ދިނަސް، އީރާނަށް މާބޮޑު ކާމިޔާބެއް ލިބޭނެ ކަމަކަށް އެގައުމަށް ގަބޫލުނުކުރެވޭތީއެވެ.

އީރާނުގެ ދަތްދޮޅި ދަށުގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ހަނގުރާމަ ކުރަމުންދާއިރު، އެގައުމުން ހަމާހިމޭނުން އޮންނަނީ، އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކާ އެކު، ޖިއޮޕޮލިޓިކަލް މަންޒަރަށް އަންނަ ބަދަލުތައް އީރާނަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. އިސްރާއީލަށް ހަމަލާއެއް ދީފިނަމަ އީރާނުގެ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ބުރޫ އަރާ، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމު އިތުރަށް އެކަހެރިވެދާނެ ކަމަށް އީރާނުގެ ލީޑަރުން ގަބޫލުކުރާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިއަދުގެ ޢަރަބިންނަކީ ފިޑި ބައެއް އެމީހުން ބޭނުންވަނީ ދުނިޔޭގެ ލައްޒަތާ އަރާމް ޢާރަބި ނިކަމެތި ޤަވްމުތަށް އެމީހުންގެ ކުރިމަތީ ފުޑި ކުދި ކުދި ވަމުން ދާއިރުވެސް އެމީހުން އެތިބެނީ ފިނި ކޮޓަރިތަކުގަ މަންޒަރުބަލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު