ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ބޭއްވުމަށް ނިންމާފައިވާ އެޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.
މިހާތަނަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބުކަމަށްވާ ކޮންގުރެސް ޕާޓީގެ އެތެރޭގެ އިންތިޚާބަށް އެޕާޓީން ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
މި އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި ޕީއެންސީން އެންމެ ފުރަތަމަ ކަނޑައެޅީ އަންނަ އޮކްޓޫބަރުމަހުގެ 19 ވަނަ ދުވަހެވެ. އެހެންނަމަވެސް އެޕާޓީން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ތާރީޚަށް ބަދަލުގެނެސްފައިވާކަން ހާމަކޮށްފައެވެ.
މިހާރު މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިޚާބު ބާއްވާ ތާރީޚަށް މި ގެނެވުނު ބަދަލާއެކު، އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުވެސް އެޕާޓީން ވަނީ އިތުރުކޮށްފައެވެ.
މިމަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިންތިޚާބަށް ކުރިމަތިލުމުގެ މުހުލަތު ހަމަވާގޮތަށް ކުރިން އޮތްނަމަވެސް، މިހާރު މިވަނީ އެ މުހުލަތު އަންނަ އޮކްޓޫބަރުމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިތުރުކޮށްފައެވެ.
މިކަމާ ގުޅިގެން ޕީއެންސީން ބުނީ އިންތިޚާބު ބާއްވާ ތާރީޚާއި، ކުރިމަތިލުމަށް ދެވުނު މުއްދަތު އިތުރުކޮށްފައިވަނީ މި މަޤާމުތަކަށް ޝައުޤުވެރިވާ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުންދާތީކަމަށެވެ.
މަޤާމުތަކުގެ ގޮތުގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ:
• ދާއިރާގެ ރައީސް އަދި ނައިބު ރައީސް
• ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް
• ސްޓިއަރިންގ ކޮމިޓީގެ މެންބަރު – މި ކޮމިޓީއަށް އިންތިޚާބުކުރާ މަޤާމުތަކަކީ ކޮމިޓީގެ އާންމު މެންބަރު، ޒުވާނުންގެ މެންބަރު، އަންހެނުންގެ މެންބަރު
މި އިންތިޚާބުގައި ޖުމްލަ 2095 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާކަމަށް ޕީއެންސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން އަދި ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރަން ވަނީ ހުޅުވާލާފައެވެ.
ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރުންނެވެ. އެހެންކަމުން 75 ދާއިރާއެއްގެ ރައީސުންގެ ގޮތުގައި ތިއްބަވާނީ އެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނެވެ. ބާކީ 18 ދާއިރާގެ ދާއިރާ ރައީސުން އިންތޚާބުކުރާއިރު 93 ދާއިރާއެއްގެ ދާއިރާ ނައިބުރައީސުންގެ މަޤާމަށް ކުރިމަތިލުމަށްވަނީ ހުޅުވާލާފައެވެ.
ދާއިރާ ރައީސުންނާއި ދާއިރާ ނައިބުރައީސުންގެ ގޮތުގައި ޖުމްލަ 111 ބޭފުޅަކު އިންތިޚާބުކުރާނެކަމަށް ޕީއެންސީން ބުނެއެވެ. އަދި ޒުވާނުންގެ ހަރާކާތާއި އަންހެނުންގެ ހަރަކާތުގެ ރަށު އަދި ދާއިރާ ރައީސުންގެ ގޮތުގައި ޖުމްލަ 420 މެންބަރުން އިންތިޚާބުކުރަންވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ އާންމު މެންބަރުންގެ ގޮތުގައި 1،144 މެންބަރުން އަދި ޒުވާނުންގެ މެންބަރުންނާއި އަންހެނުންގެ މެންބަރުންގެ ގޮތުގައި 420 މެންބަރުން އިންތިޚާބުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގެ ތާރީޚާއި މަޤާމުތަކަށް ކުރިމަތިލުމަށް ދެވިފައިވާ ތާރީޚުތަކަށް ބަދަލު އައުމާއެކު، އިންތިޚާބުގައި ވޯޓުލެވޭނީ އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ޕާޓީ އޮފީހަށް މެންބަރޝިޕް ފޯމު ހުށަހަޅާފައިވާ ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ކަމަށް ޕީއެންސީން ބުނެއެވެ.