Sunday, 06 October 2024

ބީއެމްއެލް މުވައްޒަފަކު އެކައުންޓްތަކުން ވަގަށް ފައިސާ ނެގިކަމަށް ސާބިތުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާ, ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަމަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިންގެ މައްޗަށެވެ.

އެ ދައުވާ މާޒިންގެ މައްޗަށް ކޮށްފައިވަނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައެވެ.

13 މީހެއްގެ އެކައުންޓުން ޖުމްލަ 482611.41 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން ބަދަލުކޮށް, ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި މާޒިންގެ މައްޗަށްކުރި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާއިރު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާއިންނެވެ.

ދައުވާއަށް އިއުތިރާފުވުމާއެކު ޕީޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެ ކުށަކީ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އަސްލު އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމާއެކު އަދަބު 9 މަހާއި 18 ދުވަހަށް ބަދަލު އަންނާނެ ކަމަށް ބުނެފައިވެ އެވެ.

އެ ޖަލު އަދަބު, 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56,200 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރެވޭ ގޮތަށް ޕީޖީއާއެކު އެއްބަސްވެފައިވެއެވެ.

ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ޕީޖީގެ އެއްބަސްވުމުގައިވެއެވެ.

އަދި ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިޔަކަމުގައި އެންމެ މީހެއްނޫން އުޅޭނީ. ތިޔަކަހަލަ އެތައްބައިވަރު އެޖެންޓުންނެއް އުޅޭނެ. ބޭންކުން އެކަކު އެކަނި ގުރުބާންކޮށްލީ އެއެންމެންގެ ރައްކަލަކަށް އެތެރޭން ރާވައިގެން ޅަކަންބަޅިއެއް ގުރުބާން ތިޔަކުރީ. ބީއެމްއެލް އިން މިގޮތަށް ކަސްޓަމަރުންގެ ލާރި ކާތާ އެތައްދުވަހެއްވެއްޖެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު