Monday, 14 October 2024
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އިސްމާއިލް ވަޖީހު

އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ

އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން ނިންމައި، އެކަމަށް ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އެމްޕީއެލް އިން ކުރި އިއުލާނުގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި، ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގައި އަޅަން ނިންމާފައިވަނީ 10 ބުރީގެ ކޯޕަރޭޓް އޮފީސް އިމާރާތެއް ކަމަށެވެ.

އެ ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެ އިމާރާތް އަޅަނީ 9،580 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. އެ އިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ފްލޯއަކާއި ކެފޭ/ރެސްޓޯރެންޓްތަކަށް ހާއްސަ ފްލޯއެއްގެ އިތުރުން ވިޔަފާރިތަކަށް ހާއްސަ ފްލޯތަކެއް ވެސް ކަނޑައަޅާފައި ވެއެވެ.

އެމްޕީއެލްގެ އިދާރީ މަސައްކަތަށް ހާއްސަ އޮފީސް އޭރިއާގެ އިތުރުން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ވެސް އޮފީސް ޖާގަ އެ އިމާރާތުން ކަނޑައަޅާފައިވެ އެވެ. އެގޮތުން އެކަމަށް ހަ ފްލޯއެއް ހާއްސަ ކުރާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މީހުން ދިރިއުޅުމަށް ހާއްސަ ދެ ފްލޯއެއް ވެސް ކަނޑައަޅާފައިވެ އެވެ. އެކަމަށް ހާއްސަ ކުރަނީ އެ އިމާރާތުގެ އަށް ވަނަ ބުރި އާއި ނުވަ ވަނަ ބުރި އެވެ. އަދި އެންމެ މަތީގައި ރޫފް ޓޮޕްގައި ރެސްޓޯރެންޓެއް ހަދަން ނިންމާފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އިމާރާތުގައި ބޭސްމެންޓަކާއި ޕާކިންއަށް ހާއްސަ އޭރިއާއެއް ވެސް ކަނޑައަޅާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު