މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމު ކުރީ މުހިއްމު ގަވައިދުތަކެއް ކަމަށާއި އެކަމަކު އޭގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެޢްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކަށް ޖަމާކުރެވޭ ގޮތަށް ގެނައި ބަދަލާއި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް މާރުކުރަން ޖެހޭ ގޮތަށް ހެދުމަކީ ޑޮލަރުގެ މައްސަލައަށް އާ ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެކަމަކު، އެ ނިންމުމާ ގުޅިގެން ބައެއް ކަންކަމަށް އިތުރު ޕްރެޝަރުތައް އުފެދިދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރެއް ދޭން ލާޒިމު ކުރުމުގެ ބަދަލުގައި އެ ފެސިލީއަކަށް ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރެވޭ ގޮތަށް ހެދުން މުހިއްމު ކަމަށެވެ.
އަދި އޭނާ ވަނީ އެކަން ރިވިއު ކުރަން ސަރުކާރަށް ގޮވާލައްވާއެވެ.
އެމްއެމްއޭ އިން ރޭ އާންމުކުރި ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓުން އުޅަނދުތަކަށް ކޮންމެ މަހަކު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކުގައި މާރުކުރަން ޖެހޭނެއެވެ.
މީގެޢިތުރުން، ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ވެސް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެއެވެ.
"އާ ގަވާއިދުގެ ސަބަބުން ގެސްޓްހައުސްތަކާއި ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. އެފަދަ ބައެއް ވިޔަފާރިތަކުން މިހާރު ވެސް ޓޫރިސްޓުންނާ އަންނަނީ ދިވެހި ރުފިޔާ އިން މުއާމަލާތް ހިންގަމުން،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ސަފާރީތަކާއި ގެސްޓްހައުސްތަކާ ދެމެދު އެހާ ބޮޑު ތަފާތުކުރުމެއް ގެންގުޅުމުގެ ސަބަބުން މުޅި ލިވަބޯޑު އިންޑަސްޓްރީއަށް އޭގެ އަސަރު ކުރާނެއެވެ. އަދި މެދު ފަންތީގެ ރިސޯޓުތަކަށް އެކަމުގެ ގެއްލުމާ ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ 2022 ވަނަ އަހަރު ކެބިނެޓުން ވެސް ވަނީ ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓޭނެ ގޮތްތަކެއް ފާސްކޮށްފައި ކަމަށެވެ. އެމްއެމްއޭއިން އެކަން އޭރު ތަންފީޒު ނުކުރީ ޓީޖީއެސްޓީ ބޮޑު ކުރުމާއި ކޮވިޑާ ގުޅިގެން އައި ހީނަރުކަމާ އެކު ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިވެދާނެތީ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ހަމައެކަނި އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކުން އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގެނައި ބަދަލާ އެކު ސަރުކާރާއި އެމްއެމްއޭ އިން ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ހުރި ކަންބޮޑުވުންތައް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.