Monday, 14 October 2024

މިފްކޯގެ "ރަސް އައިން" ބްރޭންޑު އުފެއްދުމަށް ސީއެސްއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިފި

މިފްކޯގެ "ރަސް އައިން" ބްރޭންޑު އުފެއްދުމަށް ސީއެސްއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިފިއެވެ.

މިފްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން" ގެ ބާވަތްތައް ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ.

"މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުން." މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި"ރަސްއައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ، އަގު އެއްކުރެވިފައިވާ ދިވެހި ކާނާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ، ކުޅި ކާޖާ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުންވެސް މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ދުވަހަށް ތާޒާކަންމަތީ ބެހެއްޓޭނެ އެފަދަ ކާބޯތަކެތި ތައްޔާރު ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ ކުރިން މި ޕްރޮގްރާމް މެދު ކަނޑާލަން ޖެހުނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެންނެވެ. އަދި އޭރު މައިގަނޑު ގޮތެއްގައި ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، މިފަހަރުގެ އަމާޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކި އަތޮޅުތަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިކުރުވުމަށް ބާރުއެޅުމެވެ.

"މި މަސައްކަތް އަޅުގަނޑުމެން އަލުން މި ފަށަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓް ރޭންޖަކަށް މިކަން ގެންދާނަން. މިސާލަކަށް ހޮވޭ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮއަގެއްގައި ކުނޑިމަސް ފޯރުކޮށްދޭނަން. އެގޮތަށް ވަރަށް ގިނަ ބާވަތްތަކުން ރަނގަޅު އަގެއް ދެވޭނެ." ސަނިއްޔާ ވިދާޅުވިއެވެ.

ސަނިއްޔާ ވިދާޅުވިގޮތުގައި މި މަސައްކަތަށް ހޮވޭ ފަރާތްތަކުން އާންމުންގެ މެދުގައި އިތުބާރު ހޯދާފައިވާ މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ބާވަތްތައް އުފެއްދުމަށް ބާރުއަޅާނެއެވެ. އަދި އައު ގިނަ ބާވަތްތައް ބާޒާރަށް ނެރުމަކީ އެންމެ ބޮޑު އަމާޒުކަން ސަނިއްޔާ ފާހަގަކުރެއްވިއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހޭއިރު، ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު މިފްކޯއަށް ހުށަހަޅަންޖެހެއެވެ. އަދި
ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްސީލު ހިމަނަންޖެހެއެވެ.

މިފްކޯއިން ބުނިގޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހުށަހަޅަން ޖެހެއެވެ. އަދި
ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަން އެކުންފުނިން ފާހަގަކުރިއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިފްކޯއިން އާންމުންނަށް މިފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ. އެގޮތުން މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް ޕްރޮޕޯސަލްތައް އާންމުންނަށް ފޮނުވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިފްކޯގެ 3323932 އަށް ގުޅުއްވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު