ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އޮސްޓްރޭލިއާއިން 9.4 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތްތައް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސެޕްޓެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ. "ޤައުމީ ތަރައްޤީގެ ޕްލޭން"އަކީ 2025އިން 2045އަށް ރާއްޖޭ ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރާ އޭގެ ސްޓްޓެޖިކް ޕްލޭނެވެ. ކުރިއަށް އޮތް 20 އަހަރަށް ރާއްޖެއިން ތައްޔާރުކުރާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ 90 ހާސް އޮސްޓްރޭލިއަން ޑޮލަރު ނުވަތަ 9.4 މިލިއަން ރުފިޔާގެ އެހީއެއްް ފޯރުކޮށްދެއްވާފައެވެ.
އެހީގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރަައްޤީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދުއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފްއެވެ.
A Letter of Exchange was signed today between the Government of Maldives and the Government of Australia to provide technical assistance for the formulation of a 20-year National Development Plan. pic.twitter.com/F6fYEwYMvu
— Ministry of Housing, Land and Urban Development (@MHLUDmv) October 3, 2024
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އޮސްޓްރޭލިއާ ސަރުކާރުން ފޯރުކޮށްދެއްވި އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙުމަދު ވިދާޅުވީ ޤައުމުގެ ތަރައްޤީއަށް ކުރިއަށްގެންދާ މިފަދަ މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ، ދިވެހި ސަރުކާރުގެ ނަމުގައި އޮސްޓްރޭލިއާގެ ޝަރުކާރަށް ޝުކުރު އަދާކުރައްވާކަމަށެވެ.
"މި މަޢުލޫމާތުތައް އެއްކުރާނީ އެއްވެސް ބަޔަކު ބާކީ ނުވާގޮތަށް، މުޅި އާބާދީގެ ޝާމިލުވުން ހިމެނޭގޮތަށް. މި ޕްލޭނަށް މަޢުލޫމާތު އެއްކުރުމާއި ދިރާސާގެ މަސައްކަތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާނަން. ރައްޔިތުން ބޭނުންވާފަދަ ދިވެހި ރާއްޖެއެއް ހޯދުން ހަޤީޤަތަކަށް ހަދާނަން." ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙުމަދު ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފް ވިދާޅުވީ ރާއްޖެއަށް މުހިންމު ކަންކަމުގައި އޮސްޓްރޭލިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ. ތިމާވެށީގެން މައްސަލަތަކަކީ އޮސްޓްރޭލިއާގައިވެސް ކަންބޮޑުވުން ހުރި ދާއިރާއެއްކަން ފާހަގަކުރައްވާ، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީ ދިނުމުގެ ޝައުގުވެރިކަން ސަފީރު ފާޅުކުރައްވާފައެވެ.
އޮސްޓްރޭލިއާއާއި ރާއްޖޭގައި އެއްގޮތް ބައެއް މައްސަލަތައް ހުރިކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، ފަރުތައް ޙިމާޔަތްކުރުންފަދަ، ޚާއްސަކޮށް ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން އިސްކަންދެއްވާކަމަށެވެ. އަދި ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އޮސްޓްރޭލިއާގެ ތަޖުރިބާވެސް ރާއްޖެއަށް ޙިއްސާކުރައްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ޤައުމީ ތަރައްގީގެ ޕްލޭނަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ. ޕްލޭނަށް ބޭނުންވާ މަޢުލޫމާތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެއްކުރާނެއެވެ. އެގޮތުން ވަކިވަކި ރަށްތަކާއި ޤައުމީ ފެންވަރުގެ ނިންމުންތަކާއި ވަކިވަކި ދާއިރާތަކުން ޚާއްސަ ޕްލޭންތައް ހަދާނެއެވެ. މި ޕްލޭން ތައްޔާރުކުރާނީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށެވެ. ޕްލޭންގެ އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުން ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ.