3 ނޮވެންބަރު 2024
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ އެޕާޓްމަންޓުތައް ފުލުހުންނާ ހަވާލުކޮށްފި

ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފިއެވެ.

އާލަމީ ވަބާ، ކޮވިޑް-19 ގެ ދުވަސްވަރު އެހީއެއްގެ ގޮތުން ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ބައެއް ފައިސާއިން، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ. އެކަމަކު އެޕާޓްމަންޓުތައް ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ފުލުހުންނަށް ސިޓީއެއް ފޮނުވިއެވެ. އެހެންވެ، ފުލުހުން ވަނީ އެ މުއްދަތު އިތުރުކޮށްދީފައެވެ.

އެކަމަކު އެ ނިންމުން ބަދަލުކޮށް، މިރޭ 12:00 ގެ ކުރިން އެޕާޓްމަންޓުތައް ހަވާލުކުރުމަށް ފުލުހުން ފަހުން އެންގުމާއެކު، އެ ދެ އެޕާޓްމަންޓް މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ރޭ ވަނީ  ވިދާޅުވެފައެވެ. މި ކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން މީގެ ކުރިން ފޮނުވާފައިވެއެވެ.

ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.

މިމައްސަލައިގައި ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު