ވިޔަފާރިއާއި އިންވެސްޓްކުރުމަށް އިންޑިޔާގެ އަމިއްލަ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ރާއްޖޭގައި އެބަހުރި ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިޤްތިޞާދީ ކަންކަމުގައި ދެ ޤައުމު ގުޅިގެން ކުރިއަށްގެންދެވޭނެ ގިނަ ކަންކަން އެބަހުރިކަމުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރު ހާސިލުކުރުމަށް ދެޤައުމުގެ ވިޔަފާރިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަންދެއްވާ މިންވަރާ ގުޅޭގޮތުންވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތެލަށްކުރާ ޚަރަދުކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ މުހިންމުކަމާ ގުޅޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ. ސަރުކާރުގެ ޢަމާޒަކީ ރާއްޖޭޣައި ބޭނުންކުރާ ހަކަތައިގެ ނިސްބަތް 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.
ވަޒީރުގެ ވާހަކަފުޅުގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، ފަތުރުވެރިންގެ މާކެޓުތައް ސިންދަފާތުކުރުމާއި، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވަޒީރުގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނާއި އުތުރުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވަނީ ވިދާޅުވެފައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަން އެއަރޕޯޓާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއަކީވެސް މިކަމުގެ ބައެއްކަމުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން މަސައްކަތްކުރަނީ އައްޑޫސިޓީގައި ފަތުރުވެރިކަމުގެ 6،000 އެނދު ތަރައްޤީކުރުމަށެވެ. އަދި ހުވަދު އަތޮޅުގައި 10،000 އެނދު ތަރައްޤީކޮށް ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު އަންނަންވާއިރަށް ބަދަލުކޮށް ސިންދަފާތުކުރުމެވެ.



