ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދަ ދިރުވައި އާލާކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 2 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތައި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޭޔަރ އާދަމް އާޒިމް ވިދާޅުވީ މި ފަދަ މުބާރާތްތައް މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަނީ ހަމައެކަނި މާލެ ސޓީ ކައުންސިލުގެ މެންޑޭޓްގެ ތެރޭގައި މި ފަދަ މުބާރާތްތައް ބޭއްވުން ހިމެނޭތީ ނޫންކަމަށާއި މިމުބާރާތްތައް ބޭއްވުމުގައި އެއަށް ވުރެ މާ މަތިވެރި މާ މާތް މަޤުޞަދެއްވާ ކަމަށެވެ.
ކީރިތި ގުރުއާން އުނގެނުމަކީ އެންމެ ގަދީމީ ޒަމާނުގައި ވެސް ދިވެހިންގެ ޢަޤީދާއާއި އާދަ ކާދައިގައި ވެސް އެންމެ ބޮޑަށް ބިންވަޅު ނެގިފައިވާ އެއް އަސާސްކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.
ތަޢުލީމު އުނގެނޭނެ ވަޞީލަތެއް ނެތުމުގެ ސަބަބުން، ތަޢުލީމު ފޯރުކޮށް ނުދެވުނު، ގަދީމީ ޒަމާނުގައި ވެސް، ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ބެލެނިވެރިން ވަރަށް ބޮޑަށް އިސްކަންދިންކަމަށް މޭޔަރ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ވެސް އަދި އަމިއްލަ ވަކި ފަރުދުން ވެސް ތަޢުލީމުގެ އެންމެ މުހިއްމު މަސްދަރެއްކަމުގައި، ހުރިހާ ޒަމާނެއްގައި ވެސް ބަލަމުންއައީ ކިރިތި ގުރުއާން އުނގަންނައިދިނުން ކަން އެނގޭކަމަށެވެ.