މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު އެ ސިސްޓަމް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އެ ސަރަހައްދަކީ ވާރޭ ވެހިއްޖެނަމަ ފެންބޮޑުވާ ސަރަހައްދެއް ކަމުން އެ ސަރަހައްދުން ފެން ނުހިނދޭކަމުގެ ޝަކުވާ އާންމުން މީގެ ކުރިން ކުރެއެވެ.
ރޭ ފަތިހުން ފެށިގެން ވެހުނު ވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި އޮތް ނަމަވެސް އައިޖީއެމްއެޗް ސަރައްދުގައި ފެންބޮޑުވެފައެއް ނުވެއެވެ.
ސޯޝަލް ސެންޓަރުން ފެށިގެން ހިރިޔާ ސްކޫލާ ހަމައަށް ފެން ބޮޑުވެފައި އޮތް ނަމަވެސް ތާޖުއްދީން ސްކޫލުން ފެށިގެން އަމީނީ މަގާ ހަމައަށް ފެން ބޮޑެއް ނުވެ އެވެ.
އެ ސިސްޓަމް މިއަދު ބޭނުން ކުރަން ފަށާފައިވާއިރު، އެމްއެންޑީއެފުން ވެސް އަންނަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުރަމުންނެވެ.