ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަމީން އެވެނިއުއިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި މައްސަލަ، އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ކޯވިޑްގެ ދުވަސްވަރު ކުލަބުތަކަށް އެހީވުމަށް ފީފާއިން އެފްއޭއެމްއަށް ދީފައިވާ ފައިސާއަށް ބައްސާމް ގަނެފައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.
އެހެންވެ، އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފުލުހުން ފެށި ނަމަވެސް، ބައްސާމްގެ ވަކީލުން އެދުނީ މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ފަސްކޮށްދިނުމަށެވެ. އެއާއެކު އެ އެޕާޓްމަންޓުތައް ފުލުހުންނާ ހަވާލުކުރުން މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން މީގެ ކުރިން ފަސް ކުރިއެވެ.
އެކަމަކު އެ ނިންމުން ބަދަލުކޮށް ފުލުހުން ފަހުން ވަނީ ކޯޓު އަމުރާއި އެއްގޮތަށް އޮކްޓޯބަރު 9 ވަނަ ދުވަހުގެ ރޭ އެ ދެ އެޕާޓްމެންޓާއި ހަވާލު ވެފައެވެ. މި މައްސަލަ ބައްސާމްގެ ފަރާތުން މި މަހުގެ 8 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅާފައެވެ.
ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން މީގެ ކުރިން ފޮނުވާފައިވެއެވެ.
ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.
މިމައްސަލައިގައި ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.