ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިސްފައިވާ ޤަދީމީ ދޮށީގެ މަސްވެރިކަމަކީ، އެހެން އާލާތް ބޭނުންކޮށްގެން ކުރާ ކަޅުބިލަމަހުގެ މަސްވެރިކަމާ އަޅައިބަލާއިރު، މާޙައުލަށާއި މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ނޫން އެހެނިހެން ބާވަތްތަކަށް ނިސްބަތުން ގެއްލުން ކުޑަ، ތިމާވެށްޓާ ރައްޓެހި، ސާފު މަސްވެރިކަމެކެވެ.
ދޮށީގެ މަސްވެރިކަމަކީ ކަނޑުމަހުގެ ބާވަތްތައް ހިފުމަށް ދިވެހިން ކުރާ މައިގަނޑު މަސްވެރިކަމުގެ ގޮތުގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ މަސްވެރިކަމެކެވެ. އިހު ޒަމާނުގައި ދޮށީގެ މަސްވެރިކަން ކޮށް އުޅުނީ ލަކުޑިން ބަނދެފައިވާ ރިޔަލު ދޯނިފަހަރުގައެވެ. ނަމަވެސް، ޒަމާނާއެކު މަސްވެރި އުޅަނދުތައް ތަރައްޤީވަމުން އައިސް، 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ފުޅާވެ، ތަރައްޤީވެގެން ގޮސްފައިވެއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 1974 ވަނަ އަހަރުން ފެށިގެން މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުން ހިމެނެއެވެ.
އަދި 1978 ވަނަ އަހަރާ ހަމައަށް އައިއިރު، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ބާނައިފައިވާ މިންވަރުގެ 70% އަށްވުރެ ގިނައިން ބާނައިފައިވަނީ އިންޖީނު އެޅި މަސްދޯނީގައެވެ. އަދި 1984 ވަނަ އަހަރާ ހަމައަށް މި މިންވަރު 99% އަށް މަތިވެފައިވެއެވެ. މީގެ އިތުރުން ދިވެހި މަސްވެރިކަން ތަރައްޤީވުމުގައި މައިގަނޑު ދައުރެއް އަދާކުރި އެހެނިހެން ކަންތައްތަކުގެ ތެރޭގައި 1981 ވަނަ އަހަރު ފެށުނު އޮއިވާލި ކަނދުފަތި އެޅުމުގެ މަޝްރޫޢާއި، ދަޅުގައި މަސް ބަންދުކުރަން ފެށުމާއި، ދުނިޔޭގެ ބާޒާރުތަކަށް މަސް ބޭރުކުރަން ފެށުން އަދި އެހެނިހެން އިޖުތިމާޢީ އަދި އިޤުތިޞާދީ ސަބަބުތައް ހިމެނެއެވެ.
2015 އިން 2019 އަށް ބަލައިލާއިރު ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ މިންވަރަކީ ރާއްޖެއަށް ބާނާފައިވާ ކަނޑުމަހުގެ %73 އެވެ. މީގެ ތެރެއިން %99 އަކީ ކަޅުބިލަމަހާއި ކުދި ރީނދޫއުރަހަ ކަންނެއްޔެވެ. މި ދެބާވަތް ބާނައިފައިވާ މިންވަރު ވަކިން ބަލާ ނަމަ، 83% އަކީ ކަޅުބިލަމަސް އަދި %15 އަކީ ރީނދޫއުރަހަ ކަންނެއްޔެވެ. އަދި ލޯބޮޑުކަންނެއްޔާއި، ލައްޓި އަދި ރާގޮނޑި ހިއްސާކުރަނީ ގާތްގަނޑަކަށް %1 ގެ މިންވަރެކެވެ.
ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް މައިގަނޑުގޮތެއްގައި ވިއްކަނީ މަސް ގަނެ، ގަނޑުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، އެކްސްޕޯޓުކުރާ ފެކްޓްރީތައް ފަދަ ތަންތަނަށެވެ. މީގެ އިތުރުން، ހިކިމަހާއި ވަޅޯމަސް ފަދަ އުފެއްދުންތައް އުފައްދާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ދޮށީގެ މަސްވެރިކަމުގެ މުހިންމު މިންވަރެއް ވިއްކައެވެ.