11 ފެބުރުވަރީ 2026
ފައިލް ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލީ ލަފާ ހޯދަން ބޭރުގެ ފާމާއެކު ކުރިއަށް ނުދާން ނިންމުމުން ނަޝީދު ސަރުކާރަށް ތައުރީފުކުރައްވައިފި

ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސް އާ އެކު ކުރިއަށް ނުދާން ނިންމި ނިންމުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ނަޝީދު ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަންޏާ ގުޅޭ ގޮތުން ލަފާ ދިނުމަށް ބޮޑު އަގު ދީފައި ކަނޑައެޅި ބޭރުގެ އެޑްވައިޒަރަކާއެކު ކުރިއަށް ނުދާން ނިންމި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށާއި، މިފަދަ ބޭރުގެ އެޑްވައިޒަރުން ގައުމުތަކުގެ މާލީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކަމަށެވެ.

"މިފަދަ ޑެޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާއަށް ނާޖާއިޒު ފައިދާ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ސެންޓަވިއު ޕާޓްނާސް ފާމް އާއެކު ކުރިއަށް ނުދާން ސަރުކާރުން ނިންމީ ރާއްޖޭގެ ދަރަނި މެނޭޖުކުރުން ނުވަތަ ދަރަނި ދެއްކުން ލަސްކުރުމާ ގުޅޭ ކަންކަމުގައި ސީދާ ރައީސް މުއިއްޒު ބޭރު ޤައުމުތަކަށް ކުރެއްވި އެކިއެކި ދަތުރުފުޅުތަކުގައި ކުރިއެރުންތަކެއް ލިބިފައިވާތީއެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ބަޔަކަށް ފައިސާ ދިނުމުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި މީރާ އަދި ފޮރިން މިނިސްޓްރީ ގުޅިގެން ދަރަނި މެނޭޖުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އެއްބަސްވުމެއްގެ ދަށުން، ދަރަނި މެނޭޖުކުރުމުގެ ލަފާ ހޯދަން ދިވެހި ސަރުކާރުން ކުރިން ނިންމި ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެއެވެ.

ރައީސް ޑރ. މުޙައްމަދު މިހާރު ގެންދަވަނީ އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ ސިޔާސީ މުވަައްޒަފުންގެ އަދަދު މަދުކުރުމާއި ގްރީން ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު