18 ޖަނަވަރީ 2025
މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއެކު ބޭއްވެވި ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ޓެންޒޭނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، މަރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ހަވާސާގައެވެ. މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވަނީ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުންނެވެ.

ބައްދަލުވުމުގައި، މަރކް ފައުންޑޭޝަންގެ ސީ.އީ.އޯ ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ފައުންޑޭޝަނުން ހިންގާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކާއި، އެ ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަމާއި، ދިވެހިރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު