ކުޑަކުދިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ޖަމްޢިއްޔަތުލް މަނާރާއިން ޅ. ނައިފަރުގައި ހިންގަމުންދާ "ޓެލެންޓެޑް ޗައިލްޑް" ޕްރޮގްރާމުން އައު އުފާވެރި ޚަބަރެއް އިއުލާނުކޮށްފިއެވެ. މި ޕްރޮގްރާމުގެ ދަށުން 9 އަހަރާއި 15 އަހަރާ ދެމެދުގެ 35 ކުދިންނަށް 3 މަސްދުވަހުގެ އިލެކްޓްރިކް ވައިރިންގ ކޯހުގެ ބައިތައް ވަނީ ނިމިފައެވެ.
ކޯހުގައި ކިޔަވައިދޭން ކަނޑައަޅާފައިވާ ބައިތައް ނިމި ކޯހުގެ ދަރިވަރުން ފުރިހަމަ ކުރަންޖެހޭ ޕްރޮޖެކްޓް ކަމުގައިވާ "ސްމާޓް ހައުސްގެ" މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓަކީ، ކުދިންނަށް ލިބިފައިވާ ހުނަރު ޢަމަލީގޮތުން ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ދަރިވަރުން ތައްޔާރުކުރާ ސްމާޓް ހައުސްގައި ވޮއިސް ކޮމާންޑުން ގޭގެ ދޮރުހުޅުވާ ލެއްޕުމާއި، އެއަރކަންޑިޝަނާއި ފަންކާއާއި ބޮކިފަދަ ތަކެތި ޖެއްސުމާއި ނިއްވުމާއި، ދޮރުފޮތި ކެހުންފަދަ އީޖާދީ ސިފަތައް ހިމެނޭނެއެވެ. މީގެ އިތުރުން، މި ސްމާރޓް ހައުސް ފަރުމާކުރަނީ ގޭތެރޭގެ ތަފާތު މަސައްކަތްތައް އޮޓޮމޭޓްކުރުމަށްޓަކާ އެލެކްސާއާއި ގޫގުލް ހޯމްގެ އިތުރުން ޓެބްލެޓާއި ފޯނު ބޭނުން ކުރެވޭ ގޮތަށެވެ.
"ޓެލެންޓެޑް ޗައިލްޑް"ގެ ޕްރޮގްރާމު ޑިރެކްޓަރ ސުލްޠާން ޙަމީދު ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓުން ތުއްތު ކުދިންގެ ހުނަރާއި ޤާބިލުކަން ވަރަށް ރަނގަޅަށް ފެންނާނެއެވެ. އަދި މިއީ ތުއްތު ކުދިންގެ ކުރިމަގު އުޖާލާކުރުމަށާއި ނަފްސުގެ އިތުބާރު ދެމެހެއްޓުމަށް ލިބޭ ވަރަށް މުހިންމު ތަޖުރިބާއެކެވެ.
ސްމާޓް ހައުސް ޕްރޮޖެކްޓް ދައްކައިލުން އޮންނާނީ ޓެލެންޓެޑް ޗައިލްޑް ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބާއްވާ އެކްޒިބިޝަންގައެވެ. މި އެގްޒިބިޝަން އޮންނާނީ 1 ނޮވެމްބަރ 2024 ގައި ޅ. ނައިފަރު މަލްޓިޕާޕަސް ޢިމާރާތުގައެވެ. އެކްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތުއްތުކުދިން ތައްޔާރުކުރި ސްމާޓް ހައުސް އެކުދިން އަމިއްލައަށް ދައްކާލަދީ އޭގައިވާ އީޖާދީ ސިފަތައް ކިޔައިދޭނެއެވެ.
ޓެލެންޓެޑް ޗައިލްޑް ޕްރޮގްރާމަކީ ކުޑަކުދިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ކުދިންނަށް އައު ހުނަރުތަކެއް ދަސްވެ، އެ ހުނަރުތައް އަމަލީ ގޮތުން ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޓެލެންޓެޑް ޗައިލްޑް ޕްރޮގްރާމްގެ ދަށުން ކަރަންޓް ވައިރުކުރުުގެ ކޯހުގެ އިތުރުން އިންޖިނޭރިންއާއި ރެފްރިޖެރޭޝަނާއި ވެލްޑިންގ މަސައްކަތް ދަސްކޮށްދިނުމުގެ ކޯސްތަކެއްވެސް ކުރިމަގުގައި ދިވެހިރާއްޖޭގެ އެކިއެކި ރައްރަށުގައި ހިންގަން ގަސްތުކުރާކަން މި ޕްރޮގްރާމް ހިންގާ ފަރާތުން ހާމަކުރެއެވެ.